ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ސިޓީއާއި އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ބަލާނީ ހަމައެކަނި ފްލެޓް ލިސްޓުގައި ހިމެނޭ މީހުންނާ ގުޅޭގޮތުން ތިންވަނަ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް އެކަނިކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހު ޢާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވީއެވެ. މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި މުއްދަތުގައި 7،000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ފްލެޓަށް ކުރިމަތިލި ހުރިހާ ފަރާތްތަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ޖުމްލަ 4،625 އެޕްލިކެންޓުން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން މިނިސްޓްރީއަށް ސައްޙަކަން ކަށަވަރުކުރެވުނު ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓުގައި ހިމެނޭ 2،555 އެޕްލިކެންޓުން ޝަކުވާ ހުށަހަޅާފައިވެއެވެ.
އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވުމާއެކު، ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5،326 ޝަކުވާ ލިބިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅި އީމެއިލްއަށް 2،840 ޝަކުވާއާއި، މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއިން 526 ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އިތުރު މަޢުލޫމާތުދެމުން މިނިސްޓްރީން ބުނެފައިވަނީ، މިހާރު ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެކަމަށް ޝަރުތު ހަމަވި 1،820 މީހުންގެ ލިސްޓެއް މިހާރު ވަނީ ޢާންމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 397 މީހުންނާއި، 3 ކޮޓަރީގެ ފްލެޓަށް ޝަރުުތު ހަމަވި 1،423 މީހުންނެވެ. ނަމަވެސް ކުރީ ސަރުކާރުން ނިމެމުންދިޔައިރު އިޢުލާންކުރި ލިސްޓުގައި ޝަރުތު ހަމަވާކަމަށް ބަޔާންކޮށްފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް 4،939 މީހުންނާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް 3،721 މީހުންނެވެ.
ކޮމެންޓު ފޮނުވާ