ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ބޮޑު ކަންނެލި ޕްރޮސެސްކުރާ ފެކްޓްރީ އެޅުމަށް 25,000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވައިފިއެވެ. "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ފެކްޓްރީ އެޅުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވި ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ ޖާގައިގެ މިންވަރު 9,000 ޓަނުގައި ހުރިއިރު، ފެށިފައިވާ މަޝްރޫޢުތައް ނިމުމުން އެ މިންވަރު 25,000 ޓަނަށް އިތުރުވާނެއެވެ. އަދި މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން މިހާރު ދުވާލަކު 115 ޓަނުގައި ހުރިއިރު، އެ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައިސް ލިބުމުގެ ދަތިކަން ކަމަށްވާތީ، އެކަން ހައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރު ތެރޭގައި އައިސް އުފެއްދުމުގެ ޤާބިލުކަން 600 ޓަނު އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި، ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖް މިއަހަރު ތެރޭގައި ނިންމުމާއި، އިންޑިޔާގެ އެހީގައި ފެލިވަރުގައި ހިންގަމުންދާ 4,000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢު މިއަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ގދ. ފިޔޯރީގައި 300 ޓަނު، ފ. ނިލަންދޫގައި 1,500 ޓަނު، މ. މުލަކުގައި 500 ޓަނު އަދި ކޫއްޑޫގައި 400 ޓަނުގެ މަޝްރޫޢުތައް ހިންގާނެ ކަމަށާއި، އިހަވަންދޫގައި 200 ޓަނުގެ ޕްރޮސެސިންގ ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، މިއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ