ވަކި އުމުރަކަށް ދުންފަތް މަނާކުރުމާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށްފަހު، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ނިންމީ އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތަށް ވިސްނާވަޑައިގެން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ "ޖެނެރޭޝަން ބޭން" ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މި މަހުގެ ތެރޭގައި މަޖިލީހުން އިޞްލާޙުތައް ފާސްވާނެ ކަމަށް އުންމީދުކުރައްވާ ވާހަކައެވެ.
ސޯޝަލް މީޑިއާގައި ހުޅުވާލި ޕޯލްތަކުން ގިނަ މީހުން ތާއީދުކޮށްފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ. ނަމަވެސް، ރައީސް ވިދާޅުވީ ޒުވާނުންގެ ޚިޔާލުތައް ވެސް ހޯއްދެވުމަށްފަހު، އެންމެ ރަނގަޅު ގޮތަކީ 2007 ވަނަ އަހަރުން ފެށިގެން ދުންފަތް މަނާކުރުން ކަމަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.
"މަޤުޞަދަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކުރުން. ވަކި އުމުރެއް ނޫން." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނެވެ.
ރާއްޖޭގައި 80 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުން ކަމަށް ރައީސް ފާހަގަކުރައްވައި، ސްކޫލް އުމުރުފުރައިން ފެށިގެން ދުންފަތް ބޭނުންކުރާތީ، "ޖެނެރޭޝަން ބޭން" ގެނައުމަކީ ދުންފަތުގެ ބާވަތްތަކުން ޒުވާނުން ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ