އައްޑޫ ސިޓީގެ މަގުތައް އަދިވެސް އަނދިރީގައި އޮންނާތީ ކައުންސިލުގެ ކަންބޮޑުވުން!

އައްޑޫ ސިޓީގެ މަގުތައް އަދިވެސް އަނދިރީގައި އޮންނާތީ ކައުންސިލުގެ ކަންބޮޑުވުން!

Author
ހުސައިން
17 އޭޕްރިލް 2025 07:56
0

އައްޑޫ ސިޓީގެ ބައެއް މަގުތައް ދިގު މުއްދަތެއް ވަންދެން އަނދިރީގައި އޮތުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިއްޔެ ބޭއްވި ކައުންސިލްގެ ޖަލްސާގައި، ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވެފައިވަނީ އިންޑިއާގެ ޖީކޭޑީއާ ހަވާލުކޮށްގެން ތަރައްޤީކުރި މަގުތައް އަނދިރީގައި އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއެކު އޮންލައިންކޮށް ބައްދަލުކުރުމަށް ކައުންސިލުން ސިޓީއެއް ފޮނުވާފައިވީނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ކުރިން މިނިސްޓްރީގެ އިސްވެރިން ރޯދަ މަހަށް މި މައްސަލަ ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފައިވީނަމަވެސް އެކަން އެގޮތަށް ވެފައިނުވާ ކަމަށް ކައުންސިލަރު ސައީދު ވިދާޅުވިއެވެ.

"މިއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މައްސަލައަކަށް ވެފައި، މި މައްސަލައިގައި އެއްވެސް ކަންބޮޑުވުމެއް މިނިސްޓަރު މުއްތަލިބްގެ ނެތް،" ސައީދު ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އައްޑޫ ތަމްސީލުކުރާ މަޖިލިސް މެންބަރުންނަށް ގޮވާލައްވާފައިވެއެވެ.

ސަރުކާރު ބަދަލުވި ފަހުން ޖީކޭޑީ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ސަރުކާރުން ނުދައްކާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އަދި ކުންފުނިން މަގުތަކުގައި ލައިޓު ނުޖަހަނީވެސް މި ސަބަބާ ހުރެކަން ފާހަގަކުރައްވާ، މިނިސްޓަރާ ބައްދަލުކުރެވޭނެ ގޮތެއް ހަދައިދިނުމަށް މޭޔަރު އަލީ ނިޒާރަށް އިލްތިމާސްކުރައްވާފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ޖީކޭޑީއާ ހަވާލުކޮށްގެން ހެދި އެއްވެސް މަގެއްގައި ލައިޓެއް ނެތްކަމަށެވެ. އަދި މި މައްސަލައިގައި ތަކުރާރުކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އާދޭސްކުރަމުންދާއިރުވެސް އެއްވެސް ހައްލެއް ނުލިބޭކަން ފާހަގަކުރައްވައި، ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.