ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރުމަށް ޚާއްޞަ ތަނެއް ހުރުން ލާޒިމުކުރުމަށް ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ނަމާދުކުރާނެ ކޮޓަރިއެއް ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
"ބައެއް އިސްލާމީ ޤައުމުތަކުގައި ވިޔަފާރި އިމާރާތްތަކާއި ޝޮޕިންގ މޯލްތަކުގައި 'ސުރާއު' ކިޔާ ނަމާދުކުރާ ޚާއްޞަ ތަނެއް ހުރޭ. އެހެންކަމުން ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައިވެސް މިފަދަ ޖާގައެއް ޤާއިމްވެފައި ހުރުމަކީ ބޭނުންތެރި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ހުޅުމާލޭގެ ކޮންމެ އިމާރާތެއްގެ ކައިރީގައި މިސްކިތެއް ނުހުންނާތީ، ގިނަ ފަހަރު ނަމާދުކުރުމަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އެހެންކަމުން އިމާރާތްތަކުގެ ތެރޭގައި ނަމާދުކުރާނެ ތަނެއް ހުރުމަކީ އެތަނުގައި ދިރިއުޅޭ މީހުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ އެމްޑީ އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ، މިނިސްޓަރު ވަނީ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި މަސައްކަތުގައި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި މިނިސްޓަރު ވަނީ ދުޢާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ