ސިނަމާލެ ބުރިޖުގެ ހައިވޭގައި މިއަދު ހަވީރު ވޭނަކާއި ސައިކަލެއް ޖެހި ހާދިސާއެއް ހިނގައި، އެ ހާދިސާގައި ސައިކަލުގައި އިން ހަ އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:53 ހާއިރު އެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ފަރާތާއި އެ ސައިކަލުގައި އިން ހަ އަހަރުގެ ފިރިހެން ކުއްޖާ އެވެ.
ހާދިސާގައި އަނިޔާވި ކުޑަކުއްޖާއަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. ނަމަވެސް ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކުރައްވާފައެއް ނުވެ އެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާއާ ގުޅިގެން މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް އެބަދެއެވެ.