އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ނިންމި ގޮތަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާމް މަރުޒޫގު ފާޑުކިޔައިފިއެވެ.
241 ކޮމިޓީން އިއްޔެ ނިންމިގޮތުގައި، ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލްގެ ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށެވެ. ނަމަވެސް އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލް މީހުން މި މަނާކުރުމުގައި ނުހިމެނޭނެ ކަމަށް ކޮމިޓީން ކަނޑައަޅާފައިވެއެވެ.
މި ނިންމުމާ ގުޅިގެން، އަޒާމް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ބިމަށް ނުޙައްޤުން ވެރިވެ، އެ ރައްޔިތުންނާއި މެދު ޤަތުލުއާންމެއް ހިންގަމުންދާ އިޒްރޭލްގެ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހުށަހަޅާ އިސްލާޙު، މިހާރު މިއޮތް ގޮތަށް ވެސް ފާސްކުރުމަށް ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، މިހާރު އޮތްގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު އިޒްރޭލްގެ އަނިޔާވެރިންނަށް ރާއްޖެ އާދެވިދާނެކަމަށް ފާހަގަކުރައްވައި، އެ އޮތުން ބަދަލުކުރަން އަޒާމް ގޮވާލާފައިވެއެވެ.
"މި އިސްލާޙު މިހާރު އިބާރާތްކުރެވިފައި އޮތުމުގައި، ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ޚާއްސަ ގޮތެއްގައި އިޒްރޭލްގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަޤާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާއި މެދު އެ ހިންގާ ލާއިންސާނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެވޭނެ ގޮތަކަށް އިބާރާތް ބަދަލުކުރަން ފެނޭ،" އަޒާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަޒާމް ވަނީ މިކަމުގައި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އެދޭކަމަށް ވެސް ވިދާޅުވެފައެވެ.
އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމާ މެދު މިއަދު މަޖިލީހުން ގޮތެއް ނިންމަން ވަނީ ތާވަލުކޮށްފައެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.
މި ބިލާ މެދު ގޮތެއް ނުނިންމި މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ އަހަރެއްވާން ގާތްވެފައިވަނިކޮށް ކޮމިޓީން އިއްޔެ ވަނީ، އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރަން ފެންނަކަމަށް ފާސްކޮށްފައެވެ.