ފެނަކަ ކުންފުނިންގަތް އައިސް ޕްލާންޓް މައްސަލައިގައި ކުރީގެ އެމްޑީއާއި ކުރީގެ ޗީފް އެކައުންޓެންޓްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ފެނަކަ ކުންފުނިންގަތް އައިސް ޕްލާންޓް މައްސަލައިގައި ކުރީގެ އެމްޑީއާއި ކުރީގެ ޗީފް އެކައުންޓެންޓްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ގުޅުންހުރި

ކުންފުނީގެ ބޯޑަށް ދޮގު މަޢުލޫމާތު ދީ ފެނަކަ ކުންފުނިން ލ. މާމެންދޫއިން އައިސް ޕްލާންޓެއް ގަތް މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

އޭސީސީން މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ ތަހުޤީޤުކުރުމަށްފަހުގައެވެ.

އޭސީސީގެ ތަޙުޤީޤުން ދައްކާގޮތުގައި، މި އައިސްޕްލާންޓް ފެނަކައިން ގަނެފައިވަނީ އެ ރަށުގައި އައިސްޕްލާންޓެއް އެޅުމަށް މިފްކޯއާއި ފިޝަރީޒް މިނިސްޓްރީ ދެމެދު އެއްބަސްވެފައިވަނިކޮށެވެ. ފެނަކައިގެ ބޯޑުން 2023 ވަނަ އަހަރު ބޭއްވި 18 ވަނަ ބައްދަލުވުމުގައި އައިސް ޕްލާންޓް ގަތުމަށް ނިންމުމަކީ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ، ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސައީދު ބޯޑަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެ ބައްދަލުވުމުގައި، އައިސް ޕްލާންޓް ގަތުމަށް ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި ފެނަކައިން ކައިޒާން އިންވެސްޓްމެންޓުގެ އައިސް ޕްލާންޓު ގަތުމުން ސަރުކާރުން މާމެންދޫގައި އަޅާ އައިސް ޕްލާންޓުގެ ސިޔާސަތު ބަދަލުވާނެ ކަމަށްބުނެ ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދިން ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭގެއިތުރުން، އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި ކުންފުނީގެ ކުރީގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ސައީދުއާއި މަސްއޫދުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ހުށަހަޅާފައިވަނީ ދެ ކުށަކަށެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ފައިދާ ނުލިބޭގޮތަށް ޢަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރަނިވެރިވެފައި އޮތް އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަންކަމަށްވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ