ހުޅުމާލޭ ފިތުރޯނު މަގުގައި ޕާކުކޮށްފައި އޮއްވާ ވަގަށް ނެގި ކާރެއް ހޯދައި، ކާރުގެ ވެރިފަރާތާ ފުލުހުން އެކާރު ހަވާލުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭ ދަންވަރު 23:50 ހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށްފަހު، އޭގެ ވެރިފަރާތުން ކާރަށް އަރަން ދިޔައިރު 01:15 ހާއިރު ކާރު ޕާކުކުރި ތަނުގައި ނެތުމުން އެކަން ރިޕޯޓްކޮށްފައިވެއެވެ. ވެރިފަރާތުން ކާރު ޕާކުކޮށްފައި އޮތީ ކާރުގެ އެތެރޭގައި ރިމޯޓު ބާއްވައިގެންނެވެ.
މި މައްސަލަ ތަޙުޤީޤުކުރުމުގެ ތެރޭގައި، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެން ދިޔަ މަންޒަރު ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ވަނީ މި ވީޑިއޯ ފުޓޭޖުގެ އެހީގައި ކާރު އޮތް ސަރަހައްދު ދެނެގަނެ، އެ އުޅަނދު ހޯދާފައެވެ.
ފުލުހުން ވަނީ ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި އުޅަނދު ޗެކުކުރުމަށްފަހު، ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް، ކާރު ވަގަށް ނެގި ފަރާތްތަކުން ވަނީ ރިމޯޓު ގެންގޮސްފައިކަން ފާހަގަކުރެވުނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ވަގަށް ނެގުމުގެ ހާދިސާތައް އިތުރުވަމުން އަންނަކަމެވެ. ނަމަވެސް ގިނަފަހަރަށް ވަގަށް ނެގެނީ ޕާކުކޮށްފައި ހުންނަ ސައިކަލެވެ.