މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއިން ވަނީ 40 ބިލިއަން ރުފިޔާގެ މަޝްރޫޢުގައި ސޮއިކޮށްފަ

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއިން ވަނީ 40 ބިލިއަން ރުފިޔާގެ މަޝްރޫޢުގައި ސޮއިކޮށްފަ

Author
ހުސައިން
12 އޭޕްރިލް 2025 06:29
0

ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކަނިވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް އެކި ފަރާތްތަކާއެކު އެއްބަސްވެފައިވާކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އިއްޔެ ގދ. ފިޔޯރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރު މި ވާހަކަތައް ހާމަކުރެއްވިއެވެ. މި ރަސްމިއްޔާތަކީ ފިޔޯރީގެ ބަނދަރު އަލުން ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

މިނިސްޓަރު މުއްތަލިބްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މި ބިލިއަންތަކުގެ އަދަދަކީ ރާއްޖެއަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއްކަމަށާއި، އެހެންކަމުން ގައުމުގެ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދާންޖެހެނީ ލޯނު ނަގައިގެންކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ލޯނު ނެގުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބޭނުންވާ ލޯނުތައް ބޭނުންވާ ވަގުތުތަކުގައި ނުނެގޭކަމަށާއި، މިކަމުގައި ހުރި ދަތިތައް ރައްޔިތުން ގަބޫލުކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިފަދަ ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން މަޝްރޫޢުތައް ހިންގަނީ ދުރާލާ ރާވައިގެން ގިނަ ފަރާތްތަކަކާ ގުޅިގެންކަމަށާއި، މިފަދަ މަޝްރޫޢުތައް ރައްޔިތުންނާ ހިސާބަށް އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، ދޭދޭ ގައުމުތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފިޔޯރީ ބަނދަރު އަލުން ތަރައްގީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ކަނޑުގަދަ ދުވަސްވަރު ބަނދަރަށް ލޯންޗްތައް ކައިރިކުރުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ރައްކާތެރި ބަނދަރެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމަށެވެ.

38 މިލިއަން ރުފިޔާއަށްވުރެ ބޮޑު މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުން ކުރުމާއި، ނެރު ފުން ކުރުމާއި، ރޭމްޕްލުމާއި، ބެކްފިލް ކުރުމާއި، ރިވެޓްމެންޓާއި އެއްގަމު ތޮށި ޖެހުމުގެ އިތުރުން، މަގު ބައްތި، ނެރު ބައްތި އަދި މޫރިންގ ރިންގްސް ހަރުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.