އއ. އުކުޅަހު ކޮންވެންޝަން ސެންޓަރުގައި "ރަށްވެހީންގެ ސައްލާ" ނަމުގައި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް މިއަދު ފައްޓައިފިއެވެ. މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވް، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭޝިއާ ރީޖަނަލް ޑިޕާޓްމަންޓް އޮފް ދަ ޔޫކޭ ގަވަރމަންޓް މިސް ކެމިލާ ސަގްން، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާން އަދި އެލްޖީއޭގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރޭ ވަނީ މިނިސްޓަރާއެކު ޚާއްޞަ ނެޓްވާރކިންގ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން، މަޝްވަރާ ބައްދަލުވުމުގައި ބައިވެރިންގެ މެދުގައި ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުމުގެ އިތުރުން އިފެކްޓިވް ކޮމިޔުނިކޭޝަން އާއި ރައިޓް ޓު އިންފޮމޭޝަން އަދި ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރާބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވަޑައިގަންނަވައެވެ. "ރަށްވެހީންގެ ސައްލާ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުން މާދަމާ ރޭގެ ނިޔަލަށް ކުރިއަށްދާނެކަމަށް ބައްދަލުވުން އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.