މާޗު 2024 އިން އޭޕްރިލް 6، 2025 ގެ ނިޔަލަށް އެއަރ އެމްބިއުލަންސްގައި 1072 ބަލިމީހުން އުފުލައިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިމުއްދަތުގައި ޖުމުލަ 899 ދަތުރު ކޮށްފައިވާކަން ހެލްތް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި މައުލޫމާތު މިނިސްޓަރު ހިއްސާކުރެއްވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެއަރ އެމްބިއުލަންސްގެ ޚިދުމަތް މިދިޔަ އަހަރު ތަޢާރަފްކުރެވިގެން ދިޔުމާއެކު ދިވެހި ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިފައިވާކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތަށް އެކަށީގެންވާ ފަންނުވެރި މީހުން ނެތުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން މި ދާއިރާއަށް މީހުން ތަމްރީނުކުރުމަށް މަސައްކަތްތަކެއް މިހާރު ނިމި، ސޯޝަލް ކައުންސިލްގެ ހުއްދަ ލިބި، އެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން މި އަހަރުގެ ފަހުކޮޅު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާއާ ގުޅުން ހުރި ކޯސްތައް ހިމެނިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. މި ތަމްރީނުތަކާއެކު މިހާރު ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެކަން ހެލްތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހެލްތް މިނިސްޓަރު ފާހަގަކުރެއްވީ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ހަފްތާއަކު 2 ދުވަހު އެތެރެހަށީގެ އޯޕީޑީގެ ޚިދުމަތްވެސް ފެށިފައިވާކަމަށާއި، 76 ރަށެއްގައި ޕޮއިންޓް އޮފް ކެއަރ ޓެސްޓިންގ އުސޫލުން ލެބޯޓްރީގެ ޚިދުމަތްވެސް ފެށިފައިވާކަމަށެވެ.
އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މާރކާގެ ބޯޓެއް އެކަނިނަމަވެސް، އެ އަހަރުގެ މާޗު 15 އިން ފެށިގެން މި ޚިދުމަތުގައި ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭނެއްވެސް ބޭނުންކުރަން ފަށާފައިވެއެވެ. ސަރުކާރުން އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ.