ބޭހުގެ ދަތިކަމުގެ މައްސަލައަށް ދަނީ ހައްލު ލިބެމުން: ނާޒިމް

ބޭހުގެ ދަތިކަމުގެ މައްސަލައަށް ދަނީ ހައްލު ލިބެމުން: ނާޒިމް

ގުޅުންހުރި

ރާއްޖޭގައި ފަހަކަށް އައިސް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭހުގެ ދަތިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރެވުމާއެކު، އެކަމަށް ހައްލެއް ހޯދުމަށް ވަނީ ތަފާތު މަސައްކަތްތަކެއް ފަށާފައިކަމަށެވެ.

"މި ބަލާ ބެލުމުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދެމުންދާކަން ފާހަގަކުރެވޭ. އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުއެއް ހޯދައިދޭނަން އެއީ މިކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އެ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނާތީވެ" މިނިސްޓަރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ދިމާވެފައިވަނީ، އާސަންދައިން ބޭހަށް ދޭ އަގު ކުޑަކުރުމުންނެވެ. މިކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ނިންމީ ރާއްޖެއަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން އެކަނި ގެންނަ ގޮތަށެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ، މިގޮތަށް ބަދަލުގެނައުމުން މިހާރު ވަނީ ހައްލުތަކެއް ފެންނަން ފަށާފައިކަމަށެވެ. އަދި އޭގެ އިތުރުން ބޭހުގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް ނިޒާމު ވަރުގަދަކުރުމާއި، ބޭހުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިތުރުކޮށް ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލަވާލުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބޭސް ގެނައުމުގެ ނިޒާމަށް ބަދަލުގެނައުމުގެ ކުރިން، ބޭސް ވިއްކަމުން ދިޔައީ 1,000-2,000 ޕަސެންޓުގެ ފައިދާގައިކަމަށެވެ. އަދި އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، ބޭސް ގެންނަ ބައެއް ފަރާތްތަކުން ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ