ފަލަސްޠީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ދިވެހިރާއްޖެއިން ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި އެހީއަކީ ރާއްޖޭގެ ރައްޔިތުން ޒަކާތު ހައުސްއަށް ދެއްކި ފިތުރު ޒަކާތުން ފޯރުކޮށްދީފައިވާ އެހީއެކެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވީޑިއޯއެއް ވެސް ޢާންމުކޮށްފައިވާއިރު، އެ ވީޑިއޯގައި ދިވެހިންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ފޮނުވި ކާބޯތަކެތީގެ ޕެކުތައް ފޯރުކޮށްދޭ މަންޒަރު ހިމަނާފައިވެއެވެ. އަދި މި ޕެކުތަކުގައި "ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން" މިހެން ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4,500 ރުފިޔާ ޖަމާކޮށްދެވިފައިވާ ކަމަށެވެ. މީގެއިތުރުން، ބާކީ 500,000 ރުފިޔާ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރަތަމަ އެހީއެއް ނޫންކަން ފާހަގަކޮށްލެވެއެވެ. މީގެކުރިން ވެސް ޒަކާތު ފަންޑުން ފަލަސްޠީނުގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފައިވެއެވެ.
އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގެ އެތައް އާއިލާތަކެއް ވަނީ ބޮޑު ހާލުގައި ޖެހިފައެވެ. އަދި މި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމުވެ، ޝަހީދުވެފައެވެ.