އެފްއެސްއެމްގައި ހިނގި ތެލުގެ ވައްކަމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދަނިކޮށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިސްތިޢުފާދިން އިސްމާޢީލް ސުހައިލް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު ދީފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުން އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭ ފައިސާ ލޯންޑަރ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދަނިކޮށް ސުހައިލް ވަނީ އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިޢުފާ ދީފައެވެ.
ސިޓީތަކާބެހޭ މިނިސްޓްރީގެ މިނިސްޓަރުގެ ނައިބަކަށް ސުހައިލް ޢައްޔަންކުރިކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓްގައި އެ މިނިސްޓްރީގެ އިސްވެރިންގެ ތެރޭގައިވެސް އޭނާގެ ފޮޓޯއެއް ނެތްކަން ފާހަގަކުރެވެއެވެ.
ނަމަވެސް، ސިޓީތަކާބެހޭ މިނިސްޓްރީގެ މުވައްޒަފުން ރޯދަމަހު ކުރި މަސައްކަތް އަގުވަޒަންކުރުމަށް މިނިސްޓަރު އާދަމް ޝަރީފް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ސުހައިލް ބައިވެރިވެފައިވާކަން އެނގޭ ފޮޓޯއެއް މިނިސްޓަރު ވަނީ އެކްސްގައި ޢާންމުކޮށްފައެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތެޔޮ ވައްކަންކުރުމުގެ މައްސަލައިގައި އެ ކުންފުނީގެ 40 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، މި މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި ތަޙުޤީޤާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން މިހާތަނަށް ޢާންމުކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ