Antonio Guterres

ޣައްޒާ އަކީ މިހާރު މީހުން މަރާ މައިދާނެއް: ގުޓަރޭޒް

ޣައްޒާ އަކީ މިހާރު މީހުން މަރާ މައިދާނެއް: ގުޓަރޭޒް

ގުޅުންހުރި

ނިއުޔޯކް – އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ޣައްޒާ އަކީ މިހާރު "މީހުން މަރާ މައިދާނަކަށް" ބަދަލުވެފައިވާ ކަމަށެވެ. މުޅި މަހަކަށްވުރެ ގިނަ ދުވަސް ވަންދެން އިންސާނީ އެހީތެރިކަން ޣައްޒާއަށް ނުވަދެވި އޮތުމާއެކު، އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި އަދާކުރަންޖެހޭ "ދެފުށް ފެންނަ ވާޖިބުތައް" އަދާނުކުރާ ކަމަށް ގުޓަރޭޒް ވިދާޅުވެފައި ވެއެވެ.

ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ގުޓަރޭޒް ވިދާޅުވީ ޣައްޒާގައި ކާނާއާއި ތެލާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މުޅިން ހުސްވެފައިވާ ކަމަށެވެ. އަދި ކޮމާޝަލް ސަޕްލައިއެއް ނެތުމާއެކު، އެތަނަށް ލިބެމުންދިޔަ އެހީތެރިކަންވެސް ވަނީ ނިމުމަކަށް އަންނަން ފަށާފައެވެ. މިކަމުގެ ސަބަބުން ބިރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވިއްޖެކަން ގުޓަރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ، ހަނގުރާމައިގައި އުޅޭ މީހުންނަށް ފަރުވާދިނުމާބެހޭ ޖެނީވާ މުއާހަދާތަކުގެ ދަށުން، ސަރަޙައްދެއް ހިސޯރުކޮށްގެން އުޅޭ ފަރާތަކުން އެ ސަރަޙައްދުގެ އާބާދީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަކީ ލާޒިމް ކަމެއްކަމުގައެވެ. އެހެންނަމަވެސް، ގުޓަރޭޒް ފާހަގަކުރެއްވިގޮތުގައި މިއިން އެއްވެސް ކަމެއް މިހާރަކު ނުހިނގައެވެ.

އޭއެފްޕީއަށް އ.ދ.ގެ މަސްދަރަކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޣައްޒާއަށް ދޭ އެހީތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން އިސްރާއީލުން ދާދިފަހުން ހުށަހެޅި އޮތޮރައިޒޭޝަން މެކޭނިޒަމްސްގެ ސަބަބުން އެހީތައް ހިފަހައްޓައި، ހަރުކަށި ފިޔަވަޅުތައް އަޅާފައިވެއެވެ. ހަމާސް ޖަމާޢަތުން އެހީތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް އެތެރެކުރާ ކާނާގެ ކެލެރީ ވެސް މޮނިޓަރ ކުރަމުން އަންނަކަމަށް މި މަސްދަރު ވަނީ ހާމަކުރައްވާފައެވެ.

ގުޓަރޭޒް ވިދާޅުވެފައިވަނީ، އިންސާނިއްޔަތާއި، އަދުލުވެރިކަމާއި، މިނިވަންކަމާއި، ވަކި ކޮޅަކަށް ނުޖެހުން ފަދަ އިންސާނީ އުޞޫލުތަކަށް ފުރިހަމައަށް އިޙްތިރާމްނުކުރާ އެއްވެސް އިންތިޒާމެއްގައި އ.ދ. ބައިވެރި ނުވާނެ ކަމަށެވެ. އަދި ހުއްޓުމެއްނެތި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަޤީންކަން ދިނުމަށް ގުޓަރޭޒް ވަނީ ގޮވާލައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލް ހުޅަނގު އައްސޭރީގެ ހާލަތާ މެދުވެސް ނުރައްކަލުގެ ރަނގަބީލު ޖައްސަވާފައިވެއެވެ. ގުޓަރޭޒް ވިދާޅުވީ މިހާރު މިއޮތް މަގަކީ މަރުވެފައިވާ މަގެއްކަމަށާއި، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ތާރީޚަށް ބަލާއިރުވެސް ކެތްނުކުރެވޭ ވަރުގެ މަގެއްކަމަށެވެ. އަދި ހުޅަނގު އައްސޭރި އަނެއް ޣައްޒާއަކަށް ބަދަލުވުމުގެ ނުރައްކާ އިތުރަށް ގޯސްވަމުންދާކަމަށް ވަނީ އިންޒާރު ދެއްވާފައެވެ.

އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ނިމުމަކަށް ގެނެސް، އާންމުން ހިމާޔަތްކޮށް، އަސީރުން ދޫކޮށްލައި، ފުރާނަ ސަލާމަތްކޮށްދޭ އެހީތެރިކަން ކަށަވަރުކޮށް، ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތައް އާކުރުމަށް ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ