މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް 114.9 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އާ ހަވާލުކޮށްފިއެވެ.
މިއީ ސަރުކާރުން ދޭންޖެހޭ ފައިސާ ދައްކައި، މަސައްކަތް ފެށުމަށް އެކިއެކި ތާރީޚްތަކުގައި ކުންފުނިތަކަށް އަންގާފައިވީ ނަމަވެސް، މިހާތަނަށް ފަށާފައިނުވާ މަޝްރޫޢުތަކެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި މި 18 މަޝްރޫޢުގެ ތެރެއިން 15 މަޝްރޫޢެއް ހަވާލުކުރެވިފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. މިގޮތުން، ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އުނގޫފާރު، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ އަދި ލ. މާވަށުގެ ސްކޫލްތަކުގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރެވިފައިވެއެވެ.
އާރު.ޑީ.ސީ އާ ހަވާލުކުރެވިފައިވަނީ 2 މަޝްރޫޢެކެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށީގައި ކުރިއަށްދާ ސްކޫލްތަކުގެ މަސައްކަތްތަކެވެ. އަދި މ. ވޭވަށު ސްކޫލުގެ ނުނިމިހުރި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ. އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ.