ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް

ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް

ގުޅުންހުރި

ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިއަހަރުގެ ޞިއްޙަތު ދުވަހަށް ކަނޑައަޅާފައިވާ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރޒް" މި ޝިޢާރަށް ވާސިލްވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި، ކޮންމެ ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، އެ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވިފައިވާ ކަމަށާއި، ކޮންމެ މަޔަކީވެސް، ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޚިދުމަތްތެރިންގެ އެހީތެރިކަން ލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންގެ އެހީތެރިކަމާއެކު ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ކިރުދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގިފައިވާކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި މި ޚިދުމަތްތައް ދިނުމުގައި ހެލްތު ކެއަރ ވޯކަރުން އަދާކޮށްފައިވާ ދައުރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމަށާއި، މިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނެކަމަށެވެ.

ރައީސްގެ މެސެޖްގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ގެއްލުންވާ ޢަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ. އަދި ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ