ބަލައިދިޔަ ފޮށިގަނޑަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެން 52 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށް، 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. އެ މީހާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތު ކުރެވެއެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. ތަޙްޤީޤު ބަޔާންތަކާއި އެހެނިހެން ހެކި ގަރީނާ ހުށަހެޅިފައިވާއިރު، އޭނާ ބަލައިދިޔަ ފޮށިގަނޑުން 800 ގްރާމަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓުގައި އެ މީހާ އިޢުތިރާފުވެފައިވަނީ، ފޮށިގަނޑު ބަލައިދިޔައިރުވެސް ޤާނޫނާ ޚިލާފު އެއްޗެއް އޭގައި ހުރިކަން އެނގޭކަމަށެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި މެސެޖްތަކާއި ސްކްރީންޝޮޓްތައް ހިމެނޭ ހެކިވެސް ހުށަހެޅިފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު މުއްދަތު އިތުރުކުރުމަށްވެސް ނިންމާފައިވެއެވެ.