އެމްޑަބްލިޔުއެސްސީއަށް 30 އަހަރު، ޚިދުމަތުގެ އެންމެ އުހުގައި!

އެމްޑަބްލިޔުއެސްސީއަށް 30 އަހަރު، ޚިދުމަތުގެ އެންމެ އުހުގައި!

ގުޅުންހުރި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އަށް މިއަދު 30 އަހަރު ފުރިގެން މިދަނީ، ކާމިޔާބުގެ އަލިގަދަ ދަތުރެއް ފުރިހަމަކުރުމާއެކުއެވެ. 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގައި އުފެދުނު މި ކުންފުނި ވުޖޫދަށް އައިސްފައިވަނީ، އޭރު އިތުރުވަމުންދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.

އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ރާވާފައެވެ. މީގެތެރޭގައި ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް، ގަސްއިންދުމުގެ ޕްރޮގްރާމް އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ޚާއްޞަ ހަރަކާތްތައް ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީ އުފެދުމަކީ ދިވެހިންގެ ޞިއްޙީ ރައްކާތެރިކަމަށާއި ޤައުމުގެ ތަރައްޤީއަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. ފުރަތަމަ އުފެދުނުއިރު، މި ކުންފުނީގައި ހަމައެކަނި 60 މުވައްޒަފުން މަސައްކަތްކުރަމުންދިޔައެވެ. އަދި ހަމައެކަނި މާލޭގެ އާބާދީއަށް، އޭރު ގާތްގަނޑަކަށް 60,000 މީހުންނަށް، ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވީނަމަވެސް، މިއަދު މި ކުންފުނިން ޚިދުމަތްދެނީ މާލެއާއި ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 200,000 އަށްވުރެ ގިނަ މީހުންނަށެވެ. މިއީ ދިވެހިރާއްޖޭގެ މުޅި އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން، ރ. ދުވާފަރުގައި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތް އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެމްޑަބްލިޔުއެސްސީއިން ފޯރުކޮށްދެމުން ގެންދެއެވެ.

ކުންފުނި އުފެދިގެން އައިއިރު ހިންގަމުން ދިޔައީ ޑެންމާކުގެ މެނޭޖްމަންޓް ޓީމަކުންނެވެ. ނަމަވެސް މިއަދު އެމްޑަބްލިޔުއެސްސީއަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ، 100 ޕަސެންޓް ދިވެހި މެނޭޖްމަންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީއިން ގެންދަނީ މުވައްޒަފުންނަށް ޚާއްޞަ ކުރު އަދި ދިގު މުއްދަތުގެ ތަމްރީނު އަދި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.

1995 ވަނަ އަހަރު ފެށިގެން އައިއިރު، ކުންފުނީގެ ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރުގެ މިންވަރުގައެވެ. އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރެވެ. ނަމަވެސް މިއަދު ފެން އުފެއްދުމުގެ ޤާބިލްކަން އިތުރުވެފައިވަނީ ދުވާލަކު 47,300 ކޮޑި މީޓަރަށެވެ. އަދި ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުވެފައިވަނީ 44,858 ކޮޑި މީޓަރަށެވެ.

ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި އެމްޑަބްލިޔުއެސްސީގެ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަޙައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ޤާއިމްކޮށް ފެން އުފެއްދުން ވަނީ ލާމަރުކަޒީކުރެވިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި އިތުރު ފެން ތާންގީތައް ބިނާކުރުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ޤާބިލްކަން 26 ޕަސެންޓަށް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސެންޓަށް އިތުރުކުރެވިގެން ދާނެކަމަށް ވަނީ ލަފާކުރެވިފައެވެ.

މީގެއިތުރުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓްކުރުމާއި ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައިވެސް ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕްކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.

ތިރީސް އަހަރުގެ ތަޖުރިބާއާއެކު، އެމްޑަބްލިޔުއެސްސީއަކީ މިއަދު ހަމައެކަނި ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ޚާއްޞަވެފައިވާ ކުންފުންޏަކަށް ނޫނެވެ. މިއަދު އެމްޑަބްލިޔުއެސްސީއަކީ އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގގެ ދާއިރާއިންވެސް ފާހަގަކުރެވޭ ކުންފުންޏެކެވެ. ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާއިން ފުޅީގައި ބަންދުކުރެވިފައިވާ ފެން އުފައްދަމުންދާއިރު، ކ. ގުޅީފަޅުގައި ޤާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ ހޮޅި އުފައްދައި، ފެން ވަޔަރިންގއަށާއި ކަރަންޓް ވަޔަރިންގއަށް ބޭނުންވާ އެކި ސައިޒުގެ ކޮންޑިއުޓް ހޮޅިވެސް އުފައްދަމުން ގެންދެއެވެ.

އެމްޑަބްލިޔުއެސްސީގެ އައިއެސްއޯ 17025: 2025 ސްޓޭންޑަޑްގެ ލެބޯރަޓަރީއިން، ރިޒޯޓުތަކާއި ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަޙުލީލުކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ގެންދެއެވެ.

ކުންފުންޏަށް 30 އަހަރު ފުރިގެންދާއިރު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެތެރޭގައި 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް ޤާއިމްކުރުމާއި، އޮންލައިންކޮށް ޚިދުމަތްތަކަށް އެދެވޭނެ އިންތިޒާމް، ސްމާޓް މީޓަރުގެ ބޭނުން ފެށުމާއި އަދި އޮންލައިން ޕޯޓަލާއި މޮބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފްކުރުން ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެމްޑަބްލިޔުއެސްސީއަކީ ދިވެހިންގެ ޞިއްޙީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ