އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވޮޓުގެ ޖަނެރޭޓަރު މިހާރު ބޭނުންކުރަން ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙު ވިދާޅުވިގޮތުގައި، އައްޑޫ ސިޓީއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެންދެވުނު މި ޖަނެރޭޓަރުގެ އިތުރުން ހަލާކުވެފައި ހުރި 3 ޖަނެރޭޓަރުގެ ތެރެއިން 1 ޖަނެރޭޓަރުވެސް މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވެއެވެ.
އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ އެސިޓީގައި ބޭނުންކުރަމުން އައި 19 ޖަނެރޭޓަރުގެ ތެރެއިން ގިނަ ޖަނެރޭޓަރުތައް އޯވަހޯލް ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވުމާ ގުޅިގެންނެވެ. ފެނަކައިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ގިނަގުނަ ތަކުލީފުތަކާއެކުވެސް ކެތްތެރިކަން އިސްކުރި އައްޑޫގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް، އެފަރާތްތަކުން ދެއްކި ފުރިހަމަ ނަމޫނާއަށާއި މައްސަލަ ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށްފައެވެ.
އިސްވެދެންނެވުނު 1.8 މެގަވޮޓުގެ ޖަނެރޭޓަރުގެ އިތުރުން 1،000 ކިލޯވޮޓުގެ އިންޖީނެއްވެސް މިމަހުގެ 11 ވަނަ ދުވަހު އައްޑޫއަށް ފޮނުވިފައިވެއެވެ. ނަމަވެސް މި އިންޖީނުތައް ފޮނުވި ކަމުގައިވިޔަސް އައްޑޫގެ ކަރަންޓުގެ މައްސަލަ އަދިވެސް އެއްކޮށް ޙައްލުވެފައިނުވާތީ، ފެނަކައިން ދަނީ ކަރަންޓު ކެނޑުމަށް ދިމާވާ މައްސަލަ ޙައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.