ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ހާމަކުރި ގޮތުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ވަނީ ފުޅާކޮށްފައެވެ. މިއީ މާލެއިން ބޭރުން މި ޚިދުމަތް ދެމުންގެންދާ 14 ވަނަ ސަރަހައްދެވެ.
ޑީއެންއާރްއިން މަޢުލޫމާތު ދެއްވި ގޮތުގައި ގދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް، އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި ޚިދުމަތް ފެށުމާއެކު އައިޑީ ކާޑު ހެއްދުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، އަވަސްވެގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން މި އަހަރުގެ ތެރޭގައި އަމާޒު ހިފާފައިވަނީ އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މިހާރު ވަނީ މި ޚިދުމަތް ފަށާފައެވެ.
އައިޑީ ކާޑަކީ ދިވެހި ރައްޔިތުންގެ އަސާސީ ލިޔެކިޔުމެއް ކަމަށްވެފައި، މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމުގައި ފާހަގަކުރެވެއެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް ގިނަ ރައްޔިތުން މާލެ އަންނަން ޖެހިފައިވާއިރު، މި ބަދަލާއެކު އެ ތަކުލީފުން ސަލާމަތްވެގެންދާނެއެވެ.