ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒް ކުރިމަތިލައްވައިފި އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ.
ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، މި މަގާމަށް ކުރިމަތިލައްވާފައިވަނީ ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ނިޔާޒެވެ. މި ދެ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ފައިސަލަކީ މިހާރު ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެވެ. އަދި ފަނޑިޔާރު ނިޔާޒަކީ ޖޭއެސްސީގައި ހައި ކޯޓުން ހިމެނޭ މެންބަރުގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސްވެސް މެއެވެ.
މި ދެ ފަނޑިޔާރުން ވެސް ހައި ކޯޓަށް އައްޔަން ކުރެވިފައިވަނީ 2018 ވަނަ އަހަރުއެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވިފައިވަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ސަސްޕެންޑްކުރެވިފައިވެއެވެ.
މި ބޭފުޅުން ސަސްޕެންޑްކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްދަނިކޮށެވެ.