ސިއްހީ ނިޒާމު ހަރުދަނާކުރުމުގައި އުމްރާނީ ގޮތުން އެ ދާއިރާ ތަރައްޤީކުރުމަކީ އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަމުގައި ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 10 ރަށެއްގައި ސިއްހީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ މަރާމާތުކުރުމާއި އިތުރަށް ތަރައްޤީގެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ދުވަސްވެ ވީރާނާވެފައިވާ އިމާރާތްތަކެއްގައި ސިއްހީ ޚިދުމަތް ދެމުންގެންދިއުމެވެ. އަދި މިކަމަށް ހައްލެއް ގެނައުމަކީ ސަރުކާރުގެ އިސްކަންދޭ އެއް ކަމެވެ.
ދިވެހި ސަރުކާރުން ރައީސްގެ ބެއްލެވުމުގެ ދަށުން ރަށްރަށުގައި ހުރި ސިއްހީ ޚިދުމަތްދޭ އިމާރާތްތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް، ޚާއްޞަކޮށް މި މަޝްރޫޢުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
ސަރުކާރުން މިހާރު ސިއްހީ މަރުކަޒުތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ބ. ކުޑަރިކިލު، ގއ. ކޮންޑޭ، ގދ. ނަޑެއްލާ، ހދ. ނެއްލައިދޫ، އދ. ފެންފުށި، ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ، ގއ. ވިލިނގިލި އަދި ނ. ވެލިދޫ ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އެ ރަށްރަށުގެ ސިއްހީ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.