ރޯދަ ހިފުމަށް ޢުޛުރެއްގެ ގޮތުގައި މެދުވެރިވި ސަބަބު މަރުވާންދެން އޮތްނަމަ އެމީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް އެރޯދަ ފަރުޟުކުރައްވާފައިވަނީ، އެ ޢުޛުރު ފިލާދިޔުމުން އެހެން ދުވަސްތަކެއްގައި އެރޯދަތައް ހިފުމަށެވެ. (އެ ޢުޛުރު އޭނާގެ ކިބައިން ފިލާނުދަނީސް) ރޯދަ ނުހިފިވާނަމަ އޭނާގެ މަތިން އެކަންތަށް ކެނޑިގެންދާނެއެވެ. އެއީ ރަމަޟާން މަސް އައުމުގެ ކުރިން މަރުވާމީހާ އެމަހުގެ ރޯދަތައް ޤަޟާކުރަން ނުޖެހޭ ފަދައިންނެވެ. އަދި ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންވާ ހާލު ގެއްލިގެން ދިޔަ ރޯދަ ނުހުފި އުޅެނިކޮށް މަރުވެއްޖެނަމަ، އޭނާއަށް ގެއްލިގެން ދިޔަ ހުރިހާ ރޯދަތައް އޭނާގެ ވަލީވެރިޔާ ހިފަން ޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވާފައިންނެވެ.
“مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ” رواه البخاري. ([7])
މާނައީ: “އެމީހެއްގެ މައްޗަށް (ޤަޟާކުރަންޖެހޭ) ރޯދައެއް އޮތްހާލު މަރުވެއްޖެމީހާއަށް، އޭނާގެ ވަލީވެރިޔާ އޭނާގެ ފަރާތުން އެރޯދަ ހިފާހުށިކަމެވެ.”
(ވަލީވެރިޔާ އަކީ، ވާރުތަވެރިޔާއެވެ. ނުވަތަ ނަސަބުގެ ގޮތުން އެންމެ ކައިރި މީހާއެވެ.)
އަދި އޭނާއަށް ދޫވެގެންދިޔަ ރޯދަތަކުގެ ޢަދަދަށް، ޖަމާޢަތެއްގެ ބަޔަކަކުވެގެން އެރޯދަތައް އެއްދުވަހުންވެސް ހިފިދާނެއެވެ. އަލް އިމާމު ބުޚާރީ ވިދާޅުވިއެވެ. ޙަސަނުން ބަޞަރީ ވިދާޅުވިއެވެ.
“إِنْ صَامَ عَنْهُ ثَلاَثُونَ رَجُلاً يَوْمًا وَاحِدًا جَازَ.” رواه البخاري.
މާނައީ: “އޭނާގެ ކިބައިން ތިރީސް މީހުން އެއްދުވަހެއްގައި ރޯދަހިފުންވެސް ހުއްދައެވެ.”
އަދި އޭނާއަށް ވަލީވެރިއަކު (ވާރުތަވެރިއަކު ނުވަތަ ނަސަބުގެ ގޮތުން ކައިރި މީހަކު) ނެތްނަމަ ނުވަތަ އެފަދަ މީހަކު އޭނާގެ ކިބައިން ރޯދަ ހިފައިދެން ބޭނުން ނުވެއްޖެ ނަމަ، އޭނާއަށް ޤަޟާކުރުމަށް ކުޅަދާނަކަންލިބި ޤަޟާ ނުކުރެވިފައިވާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭށެވެ. ކޮންމެ މިސްކީނަކަށް ހަނޑުލުން މުއްދެއްގެ މިންވަރެވެ. އެއީ ބައި ކިލޯ ދިހަ ގުރާމެވެ.