ޝަމްއާންގެ ބަންދު މައްސަލަ ހައިކޯޓުން ބަލައިނުގަތް

ޝަމްއާންގެ ބަންދު މައްސަލަ ހައިކޯޓުން ބަލައިނުގަތް

ގުޅުންހުރި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ބަންދު މައްސަލަ ހައިކޯޓުން ބަލައިނުގަނެފިއެވެ. ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކުރެވުނެވެ. ޝަމްއާން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދު މުއްދަތެއް ކަނޑައެޅިފައިވެއެވެ.

ބުދަ ދުވަހު ޝަމްއާންގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގެ ތަޙުޤީޤުގައި އޭސީސީގެ ދައުރެއް ނެތުމާއި، ހަމައެކަނި ފުލުހުންގެ މުއައްސަސާއިން ތަޙުޤީޤުކުރުމަކީ ޖިނާއީ އިޖުރާއާތާ ޚިލާފު ކަމެއްކަމަށް ބުނެ، މައްސަލަ ބަލައި ބަންދު މުއްދަތު މުރާޖަޢާކޮށްދިނުމަށް އެދިފައިވެއެވެ. ނަމަވެސް ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާއިން މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމައިފިއެވެ.

ޝަމްއާން ހައްޔަރުކުރެވިފައިވަނީ އޭނާ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި ބިދޭސީންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ފައިސާ ހޯދާފައިވާކަން ފުލުހުން ފާހަގަކުރުމާ ގުޅިގެންނެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ހިންގިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. ބިދޭސީންގެ އަތުން 530,000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުން ހޯދިކަމަށާއި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރީ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އޮތް ޓާސްކު ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ނޫންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަންގެ އޮފިސަރުން މަގުމަތިން ބައްދަލުކޮށް، އެ މީހާ އަތުގައި ހުރި ފައިސާތައް ހިފައިގެން ރޭގަނޑު ވަގުތެއްގައި ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ