އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިއަދު ވަނީ ބުނެފައެވެ.
ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ހަމަޖެހިފައިވާ "އޮރެންޖް ހިޔާ" އެއް މަސް ދުވަހުގެ ތެރޭގައި ތެރޭގައި ނިންމުމަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) އާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ އިއްޔެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން، އެއް މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.