ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުންދާ ތެލެސީމިއާ ސެންޓަރުގެ ނުނިމިހުރި މަސައްކަތްތައް ސިފައިންނާ ހަވާލުކޮށް، މާދަމާއިން ފެށިގެން މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކުރުމަށް ކުރިން ހަވާލުކުރި ކުންފުނިން މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވެފައިވާތީ، މުއްދަތު އިތުރުކުރުމުގެ ބަދަލުގައި މަސައްކަތް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެތަނުގެ ހާލަތު ރަނގަޅުކުރުމަށް އަޅުގަނޑުމެން ވާނީ އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައި. ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންކުރާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ. އަދި ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މަސައްކަތެއް ދަނީ ކުރަމުން. އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް މި ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންގއެވެ. ސިފައިންނާ ހަވާލުކުރެވުނު މި މަސައްކަތް ކުރިއަށްގެންދާނީ ކުރިން ޑިޒައިންކޮށްފައިވާ ގޮތުގެ މަތިން ކަމަށާއި މި ސެންޓަރުގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިންމާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތެލެސީމިއާ ކުދިންނާ ބައްދަލުކުރައްވައި، އެ ކުދިންނަށް ދިމާވެފައިވާ ދަތިތައް އަޑުއެއްސެވި ކަމަށާއި، ނަމަވެސް އެ މައްސަލަތަކަށް ޙައްލެއް ނުލިބި މިހާހިސާބަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ކުރިން ވެސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، ތެލެސީމިއާ ކުދިންގެ ހާލަތު ގާތުން ބައްލަވައި، އެ ކުދިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އަދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.