އިސްރާއީލީ ވައިގެ ހަމަލާއެއްގައި ހަމާސްގެ ތަރުޖަމާން އުތުރު ޣައްޒާގައި ޝަހީދު ވެެއްޖެ ކަމަށް ޚަބަރު ފަތުރާ ފަރާތްތަކުން ކަށަވަރުކޮށްފިއެވެ. މިއީ އިސްރާއީލު ސިފައިން ބަނޑުހައިހޫނުކަން އާންމުވެފައިވާ މި ސަރަޙައްދަށް އައު ހަމަލާތައް ދެމުންދާ ދަނޑިވަޅެކެވެ.
ހަމާސްގެ ތަރުޖަމާން އަބްދުއްލަޠީފް އަލް-ޤަނޫއާ ޝަހީދުވީ ބުރާސްފަތި ދުވަހުގެ އިރުއެރި ގަޑީގައި ޖަބާލިޔާ ސިޓީގައި ހުރި އޭނާގެ ޓެންޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. މިކަން އަލް-އަޤްޞާ ޓެލެވިޜަނާއި ޝިހާބް ނިއުސް އޭޖެންސީއިން ކަށަވަރުކޮށްފައިވެއެވެ. އަލްޖަޒީރާގެ ޣައްޒާގެ ނޫސްވެރިއެއްކަމަށްވާ ހިންދު ޚޫދަރީ ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާގައި ކުޑަކުދިންވެސް ހިމެނޭގޮތަށް އިތުރު މީހުންނަށް އަނިޔާވެފައިވެއެވެ.
ޚޫދަރީ ބުނިގޮތުގައި މި ހަމަލާއަކީ އިސްރާއީލު ސިފައިން ފާއިތުވި ގަޑިތަކުގައި މުޅި ޣައްޒާއަށް ދިން ގިނަ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީގެ އަސް-ސަފްތާވީ ސަރަޙައްދުގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި އެއް ޢާއިލާއެއްގެ 6 މެންބަރުން ޝަހީދުވިއެވެ.
މާރިޗު 18 ގައި، އިސްރާއީލުން ސުލްހައިގެ އެއްބަސްވުން އުވާލުމަށްފަހު ޣައްޒާއަށް ދޭ ގަދަފަދަ ވައިގެ ހަމަލާތަކާއިއެކު އެއްގަމު މަގުން ވެސް ވަނީ ހަމަލާ ދެން ފަށާފައެވެ.
ފާއިތުވި ހަފްތާގައި ހަމާސްގެ އިސް އޮފިޝަލުންގެ އެތައް ބަޔަކު އިސްރާއީލުން ވަނީ ޝަހީދު ކޮށްލާފައެވެ. އާދީއްތަ ދުވަހު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުރި ނާޞިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 5 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި ހަމާސްގެ ސިޔާސީ އޮފީހުގެ މާލީ އަދި މުއައްސަސާތަކުގެ ވެރިޔާ އިސްމާޢީލް ބަރްހޫމް ހިމެނެއެވެ.