ފިތުރު އީދަށް ރާއްޖެ ދިއްލުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ރޭ 9:30 ގައި ފެށޭ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.
އީދަށް ރަށްތައް ދިއްލުމަށް މާލެ ހިމެނޭހެން 28 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މީގެ ކުރިން ލޯކަލް ގަވަމެންޓު މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއަހަރުގެ ފިތުރު އީދަށް ސަރުކާރުން 36 ރަށެއްގައި ލައިޓު ހަރުކޮށް ދިއްލުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފާއިތުވި އަހަރުގެ ފިތުރު އީދާއި އަލުހާ އީދުގައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އީދު ލައިޓް ޖަހައި ދިއްލާލިއެވެ. ލައިޓުތަކާއެކު ތަކުބީރު އިވޭނެހެން ސްޕީކަރުތައް ވެސް ހަރުކޮށްފައި ހުއްޓެވެ.
ކައުންސިލުތަކާއި ރަށްރަށުގެ މުއައްސަސާތައް ގުޅިގެން ލައިޓު ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.