އައްޑޫ ސިޓީގައި ކަރަންޓުގެ ހާލަތު ގޯސްވެ ދެމިގެންދާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޭޖަރ (ރިޓަޔަޑް) މުޙައްމަދު ނަޖާޙް އިސްތިއުފާ ދެއްވުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ގޮވާލައްވައިފިއެވެ.
ރޯދަމަސް ފެށުމުގެ ކުރީން ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ ޕަވަރ ސްޓޭޝަންގެ ތިން އިންޖީނު މަސައްކަތް ނުކުރެއެވެ. މި މައްސަލަ ހައްލުކުރުމަށް އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ފޮނުވާފައިވަނިކޮށް، އިތުރު އިންޖީނެއް ހަލާކުވުމާ ގުޅިގެން އައްޑޫގައި ކަރަންޓު ކަނޑާލާ ވަގުތު ވަނީ މިއަދު އިތުރުކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި މެންބަރު އަޒާން ވިދާޅުވެފައިވަނީ، ރޯދަމަހުގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ފެނަކަ އެމްޑީ ނަޖާޙް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރޯދަމަސް ނިމެން ކުޑަތަންވީއިރުވެސް މައްސަލަ ހައްލުވެފައިނުވާތީ، ވައުދާ އެއްގޮތަށް އެމްޑީ އިސްތިއުފާ ދެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް އަޒާން ވިދާޅުވިއެވެ.
"ފާއިތުވި ހަ މަސް ތެރޭގައި ވެސް 84 ދުވަހު ކަރަންޓު ކެނޑުނު. އެއީ ކޮންމެ ދެ ދުވަހަކުން އެއް ދުވަހުހެން. މިދިޔަ މަހުގެ 75 އިންސައްތަ ދުވަހު ކަރަންޓު ކެނޑުނު." އަޒާން ވިދާޅުވިއެވެ.
އައްޑޫގައި ކަރަންޓު ކެނޑެމުންދާތީ ރައްޔިތުން ބޭނުންކުރާ ކަރަންޓުގެ ސާމާނު ހަލާކުވެ، އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ކަމަށް މެންބަރު އަޒާން ފާހަގަކުރެއްވިއެވެ. ނަމަވެސް އައްޑޫގެ ރައްޔިތުން ދައްކަމުންދަނީ ކެތްތެރިކަން ކަމަށް އަޒާން ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އަޒާން ވަނީ މަޖިލީހުގެ މެންބަރުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން، މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން އައްޑޫ ސިޓީގައި މުޒާހަރާއެއް ވެސް ވަނީ ބޭއްވިފައެވެ.