އައްޑޫ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ، ކޮންމެ ދުވަހަކުވެސް 1 ގަޑިއިރަށް ދަނީ ކަރަންޓު ކަނޑަމުން

އައްޑޫ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ، ކޮންމެ ދުވަހަކުވެސް 1 ގަޑިއިރަށް ދަނީ ކަރަންޓު ކަނޑަމުން

ގުޅުންހުރި

އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުން މިއަދުވެސް އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަން ފެނަކައިން ނިންމައިފިއެވެ. ކަރަންޓް ކެނޑޭނީ މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 19:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ފެނަކައިން މިކަން އިޢުލާންކޮށްފައިވަނީ މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވާ ގޮތުގައި، ދެ އިންޖީނަކަށް މައްސަލަ ދިމާވެ މަރާމާތުކުރަމުންދާ މިވަގުތު، ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް އެންމެ މަތީ ލޯޑު ނަގާ ވަގުތުތަކުގައި ބޭނުންވާ ވަރަށްވުރެ ކަރަންޓް އުފައްދާ މިންވަރު 1,000 ކިލޯވޯޓު މަދުވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ކަރަންޓް ކަނޑާލަން ނިންމާ ސަރަހައްދުތަކުގެ މަޢުލޫމާތު ދުރާލާ އިޢުލާންކުރާނެކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ހަވީރު 6:00 ގެ ފަހުން ކަރަންޓް ނުކަނޑާ މެނޭޖްކުރެވޭތޯ ބަލާނެކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.

ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެކަމަށް ފެނަކައިން ކުރިން ވަޢުދުވެފައިވީނަމަވެސް، ރޯދަމަސް ފެށުނު ފަހުން ކަރަންޓުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. މިގޮތުން، އިއްޔެވެސް އިންޖީނެއްގެ ހޮޅިގަނޑެއް ފަޅައިގެންދިއުމުގެ ސަބަބުން ހިތަދޫގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓް ކަނޑާލާފައިވެއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އަޒާން ހުށަހަޅާފައިވެއެވެ. މި މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރުމަށް ކޮމިޓީން ފާސްކޮށްފައިވީނަމަވެސް، މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްފައެއް ނުވެއެވެ.

ފެނަކައިން ދާދިފަހުން އައްޑޫއަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށާފައިވީނަމަވެސް، ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ