ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލައިލުމުގެ ހަރަކާތް "ޢީދު އަލި" ގެ ދަށުން ރަށްރަށުގައި ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އަތޮޅުތެރެ ޢީދަށް ދިއްލައިލުމުގެ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ 1 ގައި ހިމެނޭ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކުރުމާއި ގިޑިގެތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ސިޓީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދާޅުވި ގޮތުގައި، ކުލަސްޓަރ 1 ގައި ހިމެނޭ ހއ. ދިއްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވެއެވެ. އަދި ކުޅުދުއްފުށި ސިޓީގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
އުތުރުގެ 3 އަތޮޅުން މި އަހަރު އަލަށް ޢީދަށް ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަން، ށ. މިލަންދޫ އަދި ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނުތަކާއި ސްޕީކަރުތައް މިއަދު ފޮނުވޭނެކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ "ޢީދު ލައިޓު" ކޮމިޓީން ހާމަކޮށްފިއެވެ.
ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންދެވެނީ ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކުއެވެ. ޢީދަށް ރަށްތައް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށްވެސް ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއްކަމަށް ދައުލަތުން ފާހަގަކުރެއެވެ.
"ޢީދު އަލި" ހަރަކާތުގެ ދަށުން އަތޮޅުތެރޭގައި ޢީދު ދިއްލުން ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރުއެވެ. މި ހަރަކާތުގެ ތެރެއިން މާލެ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީޒް މިނިސްޓްރީން މިހާރުވެސް ކުރިއަށް ގެންދެއެވެ. މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި ގިޑިގެތައް މައިމަގުތަކާއި އާންމުން ގިނައިން އެއްވާ ސަރަހައްދުތަކުގައި ހަރުކުރަމުންދެއެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.
މިދިޔަ އަހަރު ފެށުނު މި ހަރަކާތުގައި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށާއި ސިޓީތައްވެސް ދިއްލާފައިވާއިރު، ބަޖެޓް ތަންދޭ މިންވަރަކުން ކޮންމެ އަހަރަކުވެސް އިތުރު ރަށްތައް ދިއްލާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އެގޮތުން، މި އަހަރު އިތުރު 36 ރަށެއް ދިއްލުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.