ޢައްޒާގައި ހަމާސްގެ އިސް ވެރިއަކު ޝަހީދު ކޮށްލައިފި

ޢައްޒާގައި ހަމާސްގެ އިސް ވެރިއަކު ޝަހީދު ކޮށްލައިފި

Author
ހުސައިން
24 މާރޗް 2025 08:22
0

ޣައްޒާގައި ހުންނަ ޚާން ޔޫނުސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިޒްރޭލްގެ އަސްކަރިއްޔާއިން މިރޭ ދިން ހަމަލާއެއްގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ އިސްމާއިލް ބަރްހޫމް ޝަހީދުވެއްޖެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްމާއިލް ބަރްހޫމް ޝަހީދުވެފައިވަނީ ކުރިން ދެވުނު ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ނާސިރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މި ހަމަލާއަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފު ޢަމަލެއް ކަމަށް ބުނެ ހަމާސް ޖަމާއަތުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާގެ އަމާޒަކަށްވީ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ އެމަޖެންސީ ޑިޕާޓްމަންޓެވެ. އަދި ހަމަލާއާ ގުޅިގެން އެ ޑިޕާޓްމަންޓުގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށްވެސް އެ ނެޓްވޯކުން ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލްގެ އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާ ޝިން ބެޓްއިން ނެރުނު ބަޔާނެއްގައި ދަޢުވާކޮށްފައިވަނީ ހަމަލާގެ އަމާޒަކީ "މުހިންމު ޓެރަރިސްޓެއް" ކަމަށާއި ހަމަލާދިނީ އިންޓެލިޖެންސް މަޢުލޫމާތުގެ އަލީގައި ޕްރިސިޝަން ހަތިޔާރު ބޭނުންކޮށްގެން ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން، މި ހަމަލާގައި މިހާތަނަށް 2 މީހަކު ޝަހީދުވެފައިވާއިރު، 8 މީހަކު ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.