މިއަހަރު ހައްޖަށް ގޮސްފައިވާ ކިއުގައި ތިބި އެންމެންނަށް އެ ފުރުސަތު ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރޭ އެކްސް (ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
"ޒަމާންތަކަކަށްފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ބަލަހައްޓަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މީގެ ކުރިން ހައްޖަށް މީހުން ގެންދިޔައީ ފައިސާ ދައްކާފައިވާ ކިއު ތަރުތީބުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އަލަށް ހައްޖަށްދާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމަވައި، އެކަމަށް ޚާއްޞަ އުސޫލެއް އެކުލަވާލައި އާންމުކުރައްވާފައެވެ.
އާ އުސޫލުގައިވާ ގޮތުން، ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް އަލުން ފުރުސަތު ދެވޭނީ އޭގެ ފަސް އަހަރު ފަހުންނެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ފުރުސަތު ދޭނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން 65 އަހަރުން މަތީގެ، ހައްޖުގެ އަޅުކަން އަދާ ނުކުރާ މީހުންނަށް ކޮންމެ އަހަރަކުވެސް ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަންޖެހޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ހައްޖުގެ އަޅުކަން އަދާނުކުރާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި، އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށްވެސް ފުރުސަތު ދޭންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ފުރުސަތު ދޭންޖެހޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، އެމީހެއްގެ ޢާއިލާގެ މީހަކަށެވެ.
މިހާރު ގެޒެޓްކުރެވިފައިވާ އުސޫލުގައިވާ ގޮތުން، އަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބު އުސޫލުގައި ބުނެފައިވާގޮތަށް ބަދަލުކުރަންޖެހޭނެއެވެ.