ތެލަސީމިއާ ސެންޓަރު ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ނިންމަވައިފި: ދަތިތައް ޙައްލުކުރާނީ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން

ތެލަސީމިއާ ސެންޓަރު ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ނިންމަވައިފި: ދަތިތައް ޙައްލުކުރާނީ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ތެލަސީމިއާ ސެންޓަރު ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށްޓަކައި، އެތަނަށް ބޭނުންވާ އެންމެހައި އާލާތްތަކާއި މެޑިކަލް ވަސީލަތްތައް އަދި މުވައްޒަފުން ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ 24 ގަޑިއިރުނުވަނީސް ރައީސް އެސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާލެއްވުމަށްފަހު އެވެ.

ތެލަސީމިއާ ކުދިންނަށާއި ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައިވެއެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށާއި އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ ތަންވެސް ބައްލަވާލައްވައިފިއެވެ.

2017 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުން އަންނަނީ ޑިރެކްޓަރ ޖެނެރަލެއްވެސް ނެތިކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ މިކަން ވަގުތުން ޙައްލުކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލެއްގެ ގޮތަށް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ވަގުތުން ހޯދުމަށް އިރުޝާދު ދެއްވާފައިވާކަމަށެވެ.

"ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް އިމީޑިއޭޓްލީ ހޯދަން އަޅުގަނޑުވާނީ މަޝްވަރާކޮށް ދަންނަވާފައި. އެތަން ހިންގަން ޑިރެކްޓަރ ޖެނެރަލެއް ނުލައި 2017 ވަނަ އަހަރުން ފެށިގެން އަންނަކަން ފާހަގަކުރެވޭ. އެކަން ވަގުތުން ހައްލުކުރެވޭނެގޮތެއް އަޅުގަނޑުވާނީ ދަންނަވާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނަރުހުން އިތުރުކުރުމާއި، ސީނިއަރ ފިޒީޝަނެއް ހަމަޖެއްސުމާއި، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި އެކި މުވައްޒަފުން ހޯދުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި މަސައްކަތްކުރާނެ ގަޑިތައް އިތުރުކޮށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ އުސޫލުން ތެލަސީމިއާ ސެންޓަރު ހިންގާނެގޮތް ކަނޑައަޅާފައިވާ ކަމަށެވެ.

ހޮސްޕިޓަލެއްގެ ގޮތުގައި ތެލަސީމިއާ ސެންޓަރު ހިންގުމަށް ފައިސާގެ އެއްވެސް ދަތިކަމެއް ނޯންނާނެކަންވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ