ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭ ގަޑިތައް ހޮސްޕިޓަލްތަކާ އެއް ހަމައަކަށް އިތުރުކުރެއްވުމަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިބަދަލާއެކު ބަންދު ދުވަސްތަކުގައިވެސް ސެންޓަރުން ޚިދުމަތް ލިބޭނެއެވެ.
މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ރޭގެ ވަގުތެއްގައި ބައެއް ފަރާތްތަކުން މުޒާހަރާކޮށްފައިވާއިރު، އެމުޒާހަރާއަށްފަހު 24 ގަޑިއިރު ނުވަނީސް ރައީސް މުޢިއްޒު ވަނީ މިއަދު ތެލެސީމިއާ ސެންޓަރަށާއި ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ މަސައްކަތްތަކާއި ކުދިންގެ ޙާލަތު ގާތުން ބައްލަވައި، ޝަކުވާތައް އަޑުއައްސަވާފައެވެ.
ރައީސްގެ ޒިޔާރަތަށްފަހު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަރ ޖެނެރަލްއެއް އައްޔަންކުރުން
- ޚިދުމަތް ރަނގަޅުކުރުމަށް އިންޓަރނަލް މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
- މިހާރު ދިމާވެފައިވާ ފިލްޓަރގެ މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
- ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ފިޒިޝަނުން (ޑޮކްޓަރުން) ހަމަޖެއްސުން
- ތެލެސީމިއާ ސެންޓަރު ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ކުރުން
ރައީސް މުޢިއްޒު ވަނީ ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ޙައްލުކުރުމަށް ނިންމަވާފައެވެ. ތެލެސީމިއާ ސެންޓަރުގައި ޒަމާނުއްސުރެ ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.