މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ނޮއެލް ގްރެގާ އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ޤަބޫލުކޮށް އޭނާ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނޮއެލް ގްރެގާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޭފުޅެކެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ބޭންކުގެ މަސައްކަތްތައް ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވީ އޮގަސްޓު 26ގައެވެ. އޭގެތެރެއިން ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އަރުނީއަކީ 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، މި ބޭންކުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށާއި ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަރަމުން އަންނަކަން ކަށަވަރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވާފައިވާއިރު ރާއްޖޭގެ މާލީ ހާލަތާމެދު ކަންބޮޑުވުންތައް ފާޅުކުރެވެމުންދެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މިފަހުން ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން އެމްއެމްއޭގެ ބޯޑުން ވެސް އިޤްތިޞާދީ މާހިރުންތަކެއް އިސްތިއުފާ ދެއްވާފައިވުމެވެ.