ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތަކާ ގުޅިގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިން ބޭއްވި މުޒާހަރާއަކީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންނާއެކު ބޭއްވުނު ބައްދަލުވުމަކުން ބަލިމީހުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.
ރައީސްގެ މި ޒިޔާރަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެތަނުގެ މުވައްޒަފުންނާއި ބަލިމީހުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައިވެއެވެ.
ތެލެސީމިއާ ކުދިންގެ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:
- ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރުތަކުގައި މައްސަލަ ހުރުން
- އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހުން
- ބޭސް ނުލިބުމާއި ލޭ ހޯދަން ދަތިވުން
- ސަރުކާރު ބަންދު ދުވަސްތަކުގައި ހިދުމަތް ނުލިބުން
- ބަލިމީހުންގެ ހިސްޓްރީ އެމްބީއެސްގައި ނެތުން
ރާއްޖޭގައި މިހާރު 650 ތެލެސީމިއާ ކުދިން ލޭ އަޅަމުންދާއިރު، ރައީސް ވަނީ އެތަނުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ ކުދިންނަށް ދަތި ނުވާނެހެން ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.