މާލެ (23 މާރޗް 2025) – ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން މިއަދު މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރާ މީހުން ގޮވާލަނީ އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޝިރުނާ އިސްތިއުފާ ދިނުމަށެވެ. މި މުޒާހަރާއަކީ ސެންޓަރުގެ މެނޭޖުމަންޓާއެކު ބޭއްވުނު ބައްދަލުވުމަކުން އެއްވެސް ޙައްލެއް ނުލިބުމުން ފެށިފައިވާ މުޒާހަރާއެކެވެ.
މުޒާހަރާގެ މައިގަނޑު ސަބަބަކީ ތެލެސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވެފައިވާތީއެވެ. މި މައްސަލަ ރާއްޖޭގެ އެކި ރަށްރަށުގައިވެސް ދިމާވަމުންދާކަމަށް ބުނެވެއެވެ.
ލޭ އަޅާ ޕޭޝަންޓުން ސޯޝަލް މީޑިއާގައި ފާޅުކުރާ ކަންބޮޑުވުންތަކުގެ ތެރޭގައި، ދެހަފްތާއެއްގެ މަސައްކަތުން ހޯދާ ލޭ އުކާލަން ޖެހުމާއި، ބްލަޑް ސަރވިސްއަށް ލިބިފައިވާ ފިލްޓަރުތަކުގައި މައްސަލަ ހުރިކަމަށް ހާމަކޮށްފައިވެއެވެ. އެއްރޭގެ ތެރޭގައި 5 ޕޭޝަންޓެއްގެ ފިލްޓަރުގައި މައްސަލަ ޖެހުނުކަންވެސް ފާހަގަކޮށްފައިވެއެވެ.
ޕޭޝަންޓެއް ބުނިގޮތުގައި ރޯދަމަހު އެވްރެޖްކޮށް ކޮންމެ ރެއަކު 4 އާއި 5 އާ ދެމެދުގެ އަދަދަކަށް ލޭ ޕެކެޓް، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، އުކާލަން ޖެހިފައިވަނީ ފެންވަރު ދަށް ފިލްޓަރުތަކެއް ބޭނުންކުރާތީއެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް އަސަރުކުރުމުގެ އިތުރުން، މި މުއްދަތުގައި ލޭ ހަދިޔާކުރާ މީހުން ހޯދުމުގެ ގޮންޖެހުންތައް އިތުރުވެގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއިންނާއި އެމްބީއެސްއިން މިހާތަނަށް ރަސްމީ އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.