ރާއްޖޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ އަންހެން މީހާގެ ބަންދު މުއްދަތު އިތުރު 30 ދުވަހަށް އިތުރުކޮށްފިއެވެ.
ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) ހައްޔަރުކުރެވުނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ.
މި އޮޕަރޭޝަންގައި ފުލުހުންނަށް ފެނިފައިވަނީ 12.28 ކިލޯގެ މެތަމްފެޓަމިން އަދި 1.58 ކިލޯގެ ހެރޮއިން ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ކަމަށް ކޯޓު އަމުރުން އެނގެއެވެ. ޖުމްލަ 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން ފުލުހުންގެ ބެލުމުގައި ހުރި ޓެކްސީއެއްގައި ޒީނާ އިންނަނިކޮށް، ކާރުގެ ޝީޓް މައްޗަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ވައްޓާލި މަންޒަރު ފުލުހުންނަށް ފެނިފައިވެއެވެ. ނަމަވެސް މި ތުހުމަތާމެދު ޒީނާ ވަނީ އިންކާރުކޮށްފައެވެ.
ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން ޒީނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ. އެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަހުގެ މުއްދަތަށް އަނެއްކާވެސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.
މިއަދު ކޯޓަށް ހާޒިރުކުރުމުން، ތިންވަނަ ފަހަރަށް ޒީނާގެ ބަންދު މުއްދަތު އިތުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. މިހާތަނަށް މައްސަލަ ތަޙުޤީޤުކުރުމަށް ޖުމްލަ 60 ދުވަސް ހަމަވެފައިވާއިރު، މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.