الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ފުރަތަމަ:
ނަދުރު ގެ މާނަ އަކީ ތިމާގެ މައްޗަށް ވާޖިބުވެގެން ނުވާ ކަމެއް އަމިއްލަ ނަފްސަށް ވާޖިބުކޮށް ގަތުމެވެ. އެއީ ކަމަކާ ގުޅުވައިގެން ކަމުގައިވީނަމަވެސް، ނުވަތަ ނޫން ނަމަވެސް އެވެ. މުއުމިން އަޅުތަކުން ގެ ތެރެއިން ނަދުރުބުނާ މީހުންނަށް މަދަޙަ ވިދާޅުވެ ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُوراً، عَيْناً يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيراً ، يوفون بالنذر ويخافون يومًا كان شره مستطيرًا)) الإنسان: ٥ – ٧ މާނައީ: " ހަމަކަށަވަރުން ހެއުލަފާ ކިޔަމަންތެރީން، ތަށްޓަކުން ބޮއެވެ. އެއާއި އެކުލެވި އެއްކުރެވިގެންވާ އެއްޗެއް ކަމުގައި ކާފޫރުވެއެވެ. އެއީ މާތް ﷲ ގެ (ކިޔަމަންތެރި) އަޅުން އެއިން ބުއިމަށް އޮތް ފެންއާރަކުންނެވެ. އެބައިމީހުން އެފެންއާރުން އެދޭގޮތެއްގެ މަތީން، ފެންގެނެސްގަނެއެވެ. އެބައިމީހުންނީ ނަދުރުފުއްދާ މީހުންނެވެ. އަދި، އެދުވަހެއްގެ ނުރައްކާތެރިކަން ދުރަށް ފެތުރިގެންވާ ދުވަހަކަށް (ގިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެއެވެ. "
މިއާޔަތުން ދޭހަވާ ގޮތުގައި އެބައިމީހުން ނަރަކައިގެ ޢަޛާބުން ސަލާމަތްވެ، ސުވަރުގޭގެ އަހްލުވެރިންނަށް ވުމަށް މެދުވެރިވި ސަބަބަކީ، އެބައިމީހުން ގިޔާމަތް ދުވަހުގެ ކަންތައްތަކާމެދު ބިރުވެތިވެ، އެބައިމީހުން ގެ ނަދުރުތައް ފުއްދާ ބަޔަކަށްވީތީވެ އެވެ.
ނަދުރުގެ ވައްތަރުތައް:
- ނަދުރު މަމްދޫޙު (އެދެވިގެންވާ ނަދުރުތައް): އެއީ: ވަކިކަމަކާ ގުޅުވުމެއް ނެތި، މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ބުނެވޭ ނަދުރެވެ. އިންސާނާ އޭނާގެ ނަފްސަށް އެކަން ލާޒިމް ކުރަނީ މާތް ﷲ އަށް ކުއްތަންވުމަށާއި، ހެޔޮކަންތައް ކުރުމުގައި ފަރުވާކުޑަކުރުން ދޫކޮށް ލުމަށްޓަކައެވެ. އަދި އެކަލާންގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތް ތަކަށް ޝުކުރުވެރި ވުމުގެ ގޮތުންނެވެ.
- ނަދުރު މަޛްމޫމް ނުވަތަ މަންހީ ޢަންހު (އެދެވިގެންނުވާ ނުވަތަ ބުނެގެން ނުވާނެ ނަދުރު): އެއީ: ކަމަކާއި ގުޅުވައިގެން ބުނެވޭ ނަދުރެވެ. ވަކިކަމެއެ މެދުވެރިވެއްޖެ ނަމަ ޝުކުރުވެރިވުމުގެ ގޮތުން މިވެނި ކަމެއް ކުރާނަމޭ ބުނުން ފަދަ ކަންތަކެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެމީހަކު އެބުނި ހެޔޮކަމެއް ނުކުރެއެވެ. މިޘާލަކަށް: ތިމަންނާގެ ކިބައިގައި މިހުރި ބަލިން ސަލާމަތްވެއްޖެނަމަ ތިން ދުވަހު ރޯދަ ހިފާނަމޭ ބުނުން، އޭނާ އެބުނިފަދައިން އެބަލިން ފަސޭހަ ނުވެއްޖެނަމަ އެބުނި ރޯދަ އެއް ނުހިފާނެއެވެ. މިފަދަ ނަދުރު ބުނުމަކީ އިސްލާމް ދީނުގައި އެދެވިގެންވާ ކަމެއް ނޫނެވެ.ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " لا تَنْذروا ، فإن النذر لا يغني من القدر شيئا ، وإنما يستخرج به من البخيل " رواه مسلم، ޙަދީޘް ނަމްބަރު3096، މިއީ އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘް އެކެވެ. މާނަ އަކީ: " ތިޔަބައިމީހުން ނަދުރު ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން ނަދުރު ބުނުމަކުން ގަދަރުގައި ލިޔުއްވި ކަނޑަ އެޅިގެންވާ ކަމެއް ބަދަލެއް ނުވާނެއެވެ. ހަމަ ކަށަވަރުން ނަދުރު ގެ ބަސް ބަޚީލެއްގެ (ދަހި މީހެއް)ގެ އަނގައިން މެނުވީ ބޭރުނުވާ ހުއްޓެވެ". وعن عبد الله بن عمر رضي الله عنهما قال : أخذ رسول الله صلى الله عليه وسلم ينهانا عن النذر ويقول : " إنه لا يرد شيئا ، وإنما يستخرج به من الشحيح " رواه البخاري ومسلم . މިއީ އަލްއިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘް އެކެވެ. މާނަ އަކީ: "މާތް ﷲ ރުއްސުން ލެއްވި ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ތިމަންމެންނަށް ނަދުރު ބުނުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މަނާ ކުރެއްވި އެވެ. އަދީ ޙަދީޘް ކުރައްވައެވެ. ހަމަ ކަށަވަރުން އެކަމަކުން (ނަދުރު ބުނުމަކުން) އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. ހަމަ ކަށަވަރުން އެނިކުންނާނީ ޝަޙީޙް(ދަހި ކަން ބޮޑު) މީހެއްގެ އަނގައިންނެވެ.
މިތަނުގައި ނަދުރުބުނުން މަނާ ކުރައްވާފައިވުމުގެ ޙިކްމަތަކީ އެމީހަކު ހެޔޮ ޢަމަލު ކުރުމަށް ބުރަހެލިވާތީވެ އެވެ. އޭނާ އެދޭފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ހެޔޮ ކަމެއް ކުރަނީ އެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެބުނި ހެޔޮ ކަންތައް ނުކޮށް ދޫކޮށްލަނީއެވެ. މިއީ ދަހި މީހުން ގެ ޞިފަ އެކެވެ. އެހެނީ އެމީހުން ގެ މުދަލުން ހޭދަ އެއް ކުރާނީ އޭގެ ބަދަލުގައި ކޮންމެވެސް ކަމެއެ އޭނާ އަށް ޙާޞިލްވާ ކަމަށްވަނީނަމަ އެކަންޏެވެ. އެހެންނޫންނަމަ އޭނާ ގެ މުދަލުން ހޭދަ އެއް ނުކުރެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ވަކިކަމަކަށް އެދި ނަދުރުބުނުމުން އެކަމެއް ޙާޞިލްވުން މަޖްބޫރުވެދެއެވެ. އަދި މާތް ﷲ އޭނާ އެއެދުނު ކަންތައް ޙާޞިލް ކޮށް ދެއްވާނެ އެވެ. އަދި ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ނަދުރަކީ ގަޟާ ގަދަރު ގައި ވާ ކަންތައް ބަދަލުކޮށްލާނެ ކަމެކެވެ. އަދި އެމީހުންނަށް އަވަސް ގޮތެއްގައި އެ އެދުނު ކަންތައް ޙާޞިލް ވުމަށް މެދުވެރިވާ ކަމެކެވެ. އެހެން ކަމުން މިފަދަ ޢަގީދާ ތަކަށް ރައްދު ދެއްވައި ޙަގީގަތަކީ އެއީއެއް ނޫން ކަން ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް މިވަނީ ބަޔާން ކޮށް ދެއްވާފައެވެ.
ނަދުރުބުނުމުގެ ޙުކުމް:
- މަޝްރޫޢު (މަމްދޫޙު ނަދުރެއް) ބުނެފިނަމަ އެނަދުރެއް ފުއްދުމަކީ ވާޖިބު ކަމެކެވެ. މާތް ﷲ ވަޙީކުރައްވައެވެ. ))ثم ليقضو تفثهم وليوفو
نذورهم(( الحج: ٢٩ މާނައީ: " ދެން އެއަށްފަހު އެމީހުން ގައިވާ ހަޑިކަމަކާއި (ކުށްތައް) ފިލުވާހުއްޓެވެ. އަދި އެމީހުން އަދާކުރަންޖެހިފައިވާ ކަންތައް (ނަދުރުތައް) އަދާކުރާ ހުއްޓެވެ. " ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. " من نذر أن يطيع الله فليطعه ، ومن نذر أن يعصيه فلا يعصيه " رواه البخاري ނަމްބަރު 6202، އަލްބުޚާރީ ރިވާ ކުރެއްވި މި ޙަދީޘް ގެ މާނަ އަކީ: "ތިޔަބައިމީހުން ގެ ތެރެއިން މީހަކު ކިޔަމަން ތެރިކަމުގެ ގޮތުން ނަދުރެއް ބުނެފިނަމަ އެނަދުރެއް ފުއްދާ ހުށިކަމެވެ. އަދި އުރެދުމުގެ ނަދުރެއް ބުނެފިނަމަ އެނަދުރެއް ނުފުއްދާ ހުށިކަމެވެ". މިތަނުގައި އުރެދުމުގެ ނަދުރޭ ބުނެވިފައި މިވާ ބަހުގެ މާނަ އަކީ ޙަރާމް ކަމެއް ނުވަތަ އެދެވިގެން ނުވާފަދަ ކަމެއް ކުރުމަށް ނަދުރު ބުނުމެވެ. މިޘާލަކަށް މީހަކު މަރާލުމަށް ނަދުރު ބުނުން ފަދަ ކަންތައްތައް.މިފަދަ ނަދުރު ފުއްދާކަށް ނުޖެހޭނެ އެވެ.
ކަމެއް ކުރުމަށް ނަދުރު ބުނުމަށް ފަހު ދިމާވި ޙާލަތަކާއި ހުރެ އެނަދުރެއް ނުފުއްދިއްޖެ ކަމަށް ވަނީ ނަމަ ހުވަޔާ ޚިލާފުވުމުން ދޭން ޖެހޭ ކައްފާރާ ދޭން ޖެހޭނެއެވެ. އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. "من نذر نذرا لا يطيقه فكفارته كفارة اليمين". މާނަ އަކީ: "ކުޅަދާނަ ކަން ލިބިގެން ނުވާފަދަ ކަމަކަށް ނަދުރުބުނެ، އެކަމެއް ނުކުރެވިއްޖެނަމަ ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވެއްޖެ އެވެ".
- މާތް ﷲ އަށް އުރެދުމެއްވާ ފަދަ ކަމެއްގައި ނަދުރެއް ބުނެފިނަމަ، އެނަދުރެއް ފުއްދާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އިސްވެބުނެވުނު ހުވަޔާ ޚިލާފުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވާނެއެވެ.
ސުވާލުގައި އައިސްފައިވާ ފަދައިން ރޯދަ ހިފުމަށް ނަދުރު ބުނެފި ކަމަށް ވަނީ ނަމަ އެނަދުރެއް ފުއްދަންވާނެ އެވެ.
ނޯޓް: ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އަކީ:
- ދިހަ މިސްކީނުންނަށް ކާން ދިނުން (ކޮންމެ މިސްކީނަކަށް އެރަށެއްގައި ޢާދަވެގެން ކައި އުޅޭ ބާވަތަކުން ދޮޅު ކިލޯ)، މިޘާލަކަށް އެރަށެއްގެ އަހްލުވެރިން އާންމުކޮށް ކައި އުޅެނީ ހަނޑޫ ކަމަށް ވަނީ ނަމަ ހަނޑޫ ދިނުން.
ހުސްހަނޑޫ ދިނުމުގެ ބަދަލުގައި ކައްކާފައި މިސްކީނުން ބަނޑުފުރެންދެން ކާންދިން ކަމުގައިވީނަމަވެސް ފުދޭނެއެވެ.
- ނުވަތަ އަންނައުނު ދިނުން، ކޮންމެ މިސްކީނަކަށް ވެސް ނަމާދު ޞައްޙަވާ ވަރުގެ ހެދުމެއް ދިނުން.
- ނޫންނަމަ މުއުމިން އަޅަކު މިނިވަން ކުރުން.
- އިސްވެ ބަޔާން ކުރެވުނު ކަންތަކުން ކަމެއް ކުރުމަށް ނުކުޅެދިއްޖެ ކަމަށް ވަނީ ނަމަ ވިދިވިދިގެން ތިން ދުވަހު ރޯދަ ހިފުން. އެއްވެސް ދުވަހެއް މެދު ކެނޑިއްޖެ ނަމަ އަލުން ފަށަން ޖެހޭނެ އެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިސްކީނުންނަށް ކާންދިނުމުގެ ބަދަލުގައި ނުވަތަ އަންނައުނު ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަކުން ކައްފާރާ އަކަށް ނުފުދޭނެ އެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ކާންދިނުމަށް ނުވަތަ ހެދުން (އަންނައުނު) ދިނުމަށެވެ. އެތަކެތީގެ އަގަށްވާ ފައިސާ ދިނުމަކަށް ނޫނެވެ.
ދެވަނަ:
ވިދިވިދިގެން ވަކި މުއްދަތެއް ވަންދެން ރޯދަ ހިފުމަށް ނަދުރުބުނެ، ބައްޔެއް ނުވަތަ ދަތުރެއްގެ ސަބަބުން ރޯދަ ހިފުން މެދު ކެނޑިއްޖެނަމަ، އަލުން ފަށާނީތޯ ނުވަތަ މެދުކެނޑު ހިސާބުން ކުރިޔަށް ގެންދާނީތޯ، މި މައްސަލާގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ.
ޙަންބަލީ މަޛްހަބުގެ ރައުޔަކީ: ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދަވާ ވަރުގެ ކަމެއް މެދުވެރި ވެގެން ނަދުރު ރޯދަ އެއް ދޫކޮށްލައިފިނަމަ އަލުން ފަށާކަށް ނުޖެހޭނެއެވެ. މެދުކެނޑުނު ހިސާބުން ކުރިޔަށް ގެންދިޔުމުން ރަގަޅުވާނެއެވެ. ނަމަވެސް އެފަދަ ޢުޛުރެއް ނެތި ނަދުރު ރޯދަ މެދު ކަނޑާލައިފި މީހާ އަލުން ފަށަން ޖެހޭނެއެވެ. އެނޫން ކައްފާރާ އެއް އެމީހެއްގެ މައްޗަކަށް ނެތެވެ.
ފަތާވާ އައްލަޖްނަތުއްދާއިމާގެ (21/320) ގައި އައިސްފައިވެއެވެ.
"ގަޞްދުގައި ނޫން ގޮތަކަށް މީހަކު މަރާލައިފި މީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. ނަމަވެސް ރޯދަ ނުހިފޭވަރަށް ބަލިވެއްޖެނަމަ، ނުވަތަ އަންހެނަކު ޙައިޟުވެއްޖެނަމަ، ނުވަތަ މިނޫންވެސް ޝަރްޢީ ޢުޛުރެއް މެދުވެރިވެގެން ރޯދަ ހިފުން މެދުކެނޑިގެން ދިޔައަސްވެސް އަލުން ފަށާކަށް ނުޖެހޭނެއެވެ. ނިންމާލި ހިސާބުން ކުރިޔަށް ގެންދާނީއެވެ. އަލުން ފަށާކަށް ނުޖެހޭނެއެވެ." والله أعلم