ތިލަފުށީގައި ޤާއިމްކުރެވޭ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ

ތިލަފުށީގައި ޤާއިމްކުރެވޭ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ

ގުޅުންހުރި

ތިލަފުށީގައި ޤާއިމްކުރެވޭ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މި މައުލޫމާތު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި ވަޒީރު ވިދާޅުވީ، މި ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އުފެއްދޭ 13 މެގަވޮޓްގެ ތެރެއިން 10 މެގަވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރުކުރެވޭނެ އެވެ. އަދި ބާކީވާ 3 މެގަވޮޓް ބޭނުންކުރެވޭނީ ތިލަފުށީގައި ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެ ޕްރޮގްރާމް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި. ފޭސް 2 ގެ އިންސިނިރޭޓަރގެ މަޝްރޫއަށް 145 މިލިޔަން ޔޫއެސް ޑޮލަރު ހަރަދުވާނެ. މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް އަވަސް ކުރަން ރައީސް ވަނީ އިރުޝާދު ދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ތިލަފުށީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ކަރަންޓުގެ ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ