އައްޑޫ މަތިކިޅި އިކޯ ގާޑަނަންގެ 60 ޕަސެންޓު އަނދާ ހުލިވެއްޖެ!

އައްޑޫ މަތިކިޅި އިކޯ ގާޑަނަންގެ 60 ޕަސެންޓު އަނދާ ހުލިވެއްޖެ!

Author
ހުސައިން
20 މާރޗް 2025 07:38
0

އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަންގައި އިއްޔެ ރޯވި އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށް މަތިކިޅި ސޮސައިޓީން މިއަދު ހާމަކޮށްފިއެވެ.

މަތިކިޅި ސޮސައިޓީގެ މަޢުލޫމާތު ދިނުމުގައި، މި ހާދިސާގައި މަތިކިޅީގެ ގްރާސް ފިލްޑުގެ ގާތްގަނޑަކަށް 60 ޕަސެންޓު ވަނީ އަނދައި އަޅިއަށްވެފައިވާ ކަމަށާއި، އެތަން އަލުން ރިކަވަރވާނެ ކަމަށް އެ ސޮސައިޓީން އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ކަނޑޮފިށި ހައި ވެޖިޓޭޝަން ލައިން ރިކަވަރވުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި، އެތާނގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަހާއި ދިއްގާ ގަހަކީ އެތައް އަހަރެއް ވެފައިވާ ގަސްތަކެއްކަން ފާހަގަކޮށްފައިވެއެވެ.

ކަނޑޮފިއްޓަކީ މިހާރު މާކަނާއި ރާބޮނދި ފަދަ ދޫނިތޫނިތަކުގެ ސެންކްޗުއަރީއެއްކަމަށާއި، މޫސުމީ ގޮތުން ހިޖުރަކުރާ ބައެއް ދޫނިތަކުގެ ވަގުތީ މަރުކަޒަކީވެސް ކަނޑޮފިށި ކަމަށް ސޮސައިޓީން ބުނެފައިވެއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ދޫނިތަކުގެ މާހައުލު އަހަރުތަކަކަށް ގެއްލިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މިއަދުގެ އަލިފާނުގެ ހާދިސާއާއެކު އެ ދޫނިތަކުގެ މާހައުލު ވެސް އަހަރު ތަކަކަށް ގެއްލިގެން ދިޔައީ، މިއީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި މަތިކިޅީގެ ގުދުރަތީ މާހައުލަށް ލިބުނު އެންމެ ބޮޑު ގެއްލުން." މަތިކިޅި ސޮސައިޓީން ބުންޏެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެފައިވަނީ މަތިކިޅީގައި ރޯވިކަމުގެ މަޢުލޫމާތު ލިބުނީ އިއްޔެ ހެނދުނު 11:45 ހާއިރު ކަމަށެވެ. އެހެންނަމަވެސް މި ހާދިސާ ހިނގި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.