ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކުރި ތަފާސްހިސާބުތަކާ އެއްގޮތަށް، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން މިއަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިނުވާކަމަށް ބުނެފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ކ)ގެ ދަށުން ކޮންމެ އަހަރަކުވެސް ސިޔާސީ ޕާޓީތަކުން އަހަރީ ރިޕޯޓް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.
އީސީއިން އާންމުކުރި މަޢުލޫމާތުން ދައްކާގޮތުގައި ދަ ޑިމޮކްރެޓްސްއިން ވެސް އަހަރީ ރިޕޯޓް ހުށަހަޅާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަހުންނެވެ. އެގޮތުން، މާޗު 1 ގައި އަހަރީ ރިޕޯޓު ހުށަހަޅަން އީސީއިން އަންގާފައިވީ ނަމަވެސް ޑިމޮކްރެޓްސްއިން ރިޕޯޓް ހުށަހަޅާފައިވަނީ މާޗު މަހުގެ 2 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މާޗު މަހުގެ 1 ވަނަ ދުވަހު އަހަރީ ރިޕޯޓް ހުށަހަޅާފައިވާއިރު، އެހެން ގިނަ ޕާޓީތަކުން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެމީހުންގެ ރިޕޯޓްތައް ހުށަހަޅާފައެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ އަހަރީ ރިޕޯޓް ހުށަހަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިންނެވެ. އެމްޑީޕީއިން ވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އަހަރީ ރިޕޯޓް ހުށަހަޅާފައިވާއިރު، ސަރުކާރުގެ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އަހަރީ ރިޕޯޓް ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.