ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
20 މާރޗް 2025 03:51
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވަނީ މި މަޤާމަކީ ހައިކޯޓަށް އައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މުސާރައިގެ ގޮތުގައި 47,000 ރުފިޔާ ލިބިވަޑައިގަންނަވާނެ ކަމަށާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބިވަޑައިގަންނަވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސާއި ހެލްތު އިންޝުއަރެންސްވެސް ލިބިވަޑައިގަންނަވާނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށްވުން ހިމެނެއެވެ. މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، އިސްފަނޑިޔާރުކަމަށް އެދި ލިޔުންތައް ހުށަހަޅަންވާނީ ފަހިރެސް ޕޯޓަލްގެ ލިންކު މެދުވެރިކޮށް ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

އިއްޔެ ހައިކޯޓުގެ އިސްފަނޑިޔާރު ޙުސެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެން މި މަޤާމު ހުސްވެފައިވަނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.