ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ތަރައްޤީގެ ޕާޓްނާޝިޕް މުރާޖަޢާކޮށް، ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރަށް ދެވިދާނެ ދާއިރާތައް ދެވަޒީރުން ބައްލަވާ ފާސްކުރެއްވިއެވެ.
ޑރ. ޖައިޝަންކަރު ވެސް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިއްލީގައި ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެވުނީތީ އުފާފުޅުވާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގެ ކުރިއެރުން މި ބައްދަލުވުމުގައި މުރާޖަޢާކުރެވުނު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ނިއު ދިއްލީގައި ބޭއްވޭ ބައިނަލްއަގުވާމީ މަޝްވަރާ ފޯރަމެއްކަމަށްވާ ރައިސީނާ ޑައިލޮގްގެ 10ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމްގައި، މިނިސްޓަރު ޚަލީލް މޫސުމީ ބަދަލުތަކަށް ހޭނުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެ ވާހަކަ ދައްކަވާނެއެވެ.
ރައިސީނާ ޑައިލޮގްއަކީ އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ މަތީ ފަންތީގެ ފޯރަމެކެވެ.