ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު މާދަމާ އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން މި ދެ ފަނޑިޔާރުން ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލިހެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައަކީ 2022 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
ޑރ. އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:30 ގައި ކަމަށާއި، މަހާޒު ހާޒިރުވުމަށް އަންގާފައިވަނީ 11:15 އަށް ކަމަށް އެނގިފައި ވެއެވެ.
އިތުރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. އަޒްމިރާލްދާގެ ފިރިކަލުން އައިޖީއެމްއެޗްގެ ޑރ. އިސްމާއީލް ލަތީފުގެ ބަންދު އަމުރަށް ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދާކަމަށާއި، މި މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުންގެ ބަޔާން ނަގާފައިވާކަން ފާހަގަކުރެވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ލަތީފުގެ ބަންދުގެ މައްސަލައިގައި ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދިޔަ ދަނޑިވަޅެއްގައި، އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ މައްސަލައެއް ހުށަހެޅި ކަމަށާއި، އެ މައްސަލަ މިހާރު ވަނީ ރަޖިސްޓްރީކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޖޭއެސްސީން އޭނާ އާއި ޑރ. އަޒްމިރާލްދާ އަދި މަހާޒާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކަކީ ދުސްތޫރީ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އުފައްދައިގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެ އދ. ގެ ހައި ކޮމިޝަނާ އޮފް ހިއުމަން ރައިޓްސް އޮފީހަށް މައްސަލަ ހުށަހަޅާފައެވެ.