ކުޑަ އިންޓްރެސްޓު ރޭޓެއްގައި 'ހިޔާވެހި' ލޯނު ސްކީމަށް އެދެވޭނެ މުއްދަތު އިތުރުކޮށްފި

ކުޑަ އިންޓްރެސްޓު ރޭޓެއްގައި 'ހިޔާވެހި' ލޯނު ސްކީމަށް އެދެވޭނެ މުއްދަތު އިތުރުކޮށްފި

ގުޅުންހުރި

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފައިވަނީ ހިޔާވެހި ފައިނޭންސިންގގެ ދަށުން ލޯނު ދޫކުރާ ތިން ކެޓަގަރީއަށް، އެއީ ރަށްވެހި، ސަހަރު، އަދި ފަހިމާލެ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ލޯނަށް އެދި ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާވެހި ލޯނަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.

މި ސްކީމްގެ ދަށުން ލޯނު ދެނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހުގައެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ 5 ޕަސެންޓެވެ. އަދި ލޯނު އަނބުރާ ދައްކަން ގިނަވެގެން 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބަލައި ލޯނު ދޫކުރާ ބޭންކުންނެވެ.

ހިޔާވެހި ލޯނުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށްވެސް ލޯނު ދޫކުރެވޭނެއެވެ. އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 15 ޕަސެންޓެވެ. އަދި އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހުއެވެ. ގްރޭސް ޕީރިއަޑުގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް ދެވޭނެއެވެ.

ލޯނު ދޫކުރާނީ ލޯނަށް އެދޭ މީހުންގެ ފައިނޭންޝަލް ސްކްރީނިންގއަކަށް ފަހު، ލޯނު އަނބުރާ ދެއްކޭނެ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހުގައެވެ.

ހިޔާވެހި ފައިނޭންސިންގެ ދަށުން ތިން ކެޓަގަރީއަކަށް ލޯނު ދޫކުރާނެއެވެ. ރަށްވެހި ކެޓަގަރީގެ ދަށުން އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދެވޭނެއެވެ. މި ސްކީމުގެ ދަށުން އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެއެވެ.

ހިޔާވެހި ފައިނޭންސިންގ ސަހަރުގެ ދަށުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ސްކީމުގެ ދަށުން 5 އާއި 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެއެވެ.

ހިޔާވެހި ފައިނޭންސިންގ – ފަހިމާލެގެ ދަށުން މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ސްކީމުގެ ދަށުންވެސް 5 އާއި 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެއެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ފަހުމުނާމާގައި ސޮއިކޮށްފައިވެއެވެ. ރަށްވެހި ސްކީމުގައި ލޯނު ދޫކުރާނީ އެޗްޑީއެފްސީންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމަށް ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީންނެވެ.

ލޯނަށް އެދެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއެކު، ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ނުވަތަ ބިންތަކެއް ރަޖިސްޓްރީކޮށްފައި އޮތުމެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ލޯނެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ މީހަކަށް ނުވުމާއެކު، ބޯހިޔާވަހިކަން ގަތުމުގެ މުއާމަލާތެއް ކޮށްފައިނުވާ މީހަކަށް ވުމެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބި، މިދިޔަ 10 އަހަރުގެ ތެރޭގައި އެފަދަ ތަނެއްގެ މިލްކުވެރިކަން ދޫކޮށްލާފައިވާ މީހަކަށް ނުވުން ވެސް ލާޒިމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ