ޝަހީދުގެ ނަން ދިރާސާކުރަން ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވައިފި

ޝަހީދުގެ ނަން ދިރާސާކުރަން ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރުމަށް، ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުސައިން ޝަހީދުގެ ނަން ރައީސް މުއިއްޒު ފޮނުއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މީގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އާދިއްތަ ދުވަހުގެ ރޭ ޝަހީދުއާ އިންޓަވިއުކޮށް، ސުޕްރީމް ކޯޓަށް އޭނާ އައްޔަންކުރުމަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ މާރިޗް 4 ވަނަ ދުވަހު ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޤާނޫނީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހުރި ހުސައިން ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޤާނޫނުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާޞިލްކުރައްވާފައިވެއެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުއެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުއެވެ.

ހުސައިން ޝަހީދު ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ